އދ ގެ އާއްމު މަޖިލީހުގައި ހައިޓީގެ ރައީސް ދެއްްވި ތަަގުރީރުގެ ތެރެއިން..
އދ ގެ އާއްމު މަޖިލީހުގައި ހައިޓީގެ ރައީސް ދެއްްވި ތަަގުރީރުގެ ތެރެއިން..
ރިޕޯޓް 28 Sep 2024 | 04:11

އދ ގެ އާއްމު މަޖިލީހުގައި މިފަހަރު އެންމެ ތަފާތު މަންޒަރެއް ދެއްކީ ހައިޓީގެ ރައީސް

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އދ ގެ ޖެނެރަލް އެސެމްބްލީއަކީ އެތަނުގެ ތާރީހަށް ބަލާއިރު ވަރަށް އާދަޔާ ހިލާފް ޝައުގުވެރިކުރުވަނިވި ކަންތައްތަކެއް ފެނިގެންގޮސްފައިވާ މަޖިލީހެކެވެ. މި އެސެމްބްލީއަކީ އދ ގެ މެމްބަރުގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު އެއް މަޖިލީހެވެ.

ޤައުމުތަކުގެ ވެރިން ބައިވެރިވެ ވަޑައިގަންނަވާ މިއެސެމްބްލީގައި ކޮންމެ ފަހަރަކުވެސް ޝައުގުވެރި ކުރުވަނިވި ކަންތައްތަކެއް ވެރިންގެ ފަރާތުން ވަނީ ފެނިގެންގޮސްފައެވެ. ބޮޑަށް މިކަން ފެނިގެންދަނީ އެމެރިކާ އާ ވާދަވެރި ޤައުމުތަކުގެ ވެރިންގެ ފަރާތުންނެވެ.

މިގޮތުން އެސެމްބްލީގައި މީގެ ކުރިން ލީބިއާގެ ކުރީގެ ރައީސް ގައްޒާފީ ދެއްވި ތަގުރީރުތަކާއި، އެެމެރިކާގެ ރައީސް ޖޯޖް ޑަބްލިއު ބުޝް، ތަގްރީރުދެއްވިއިރު، ވެނެޒުއެލާގެ ރައީސް ހޫގޯ ޗާވޭޒް މާލަމުގައި އިނދެ، ދެއްވި ރައްދުތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ކިއުބާގެ ކުރީގެ ލީޑަރު ފިޑެލް ކާސްޓްރޯ މީގެ 79 އަހަރު ކުރިން އދ ގެ ޖެނެރަލް އެސެމްބްލީގައި ދެއްވި 4 ގަޑިއިރުގެ ދިގު ތަގުރީރަކީވެސް ޖެނެރަލް އެސެމްބްލީ ހަޔާތުގައި ފެނިގެންދިޔަ އާދަޔާހިލާފް ދުވަހެކެވެ. އެދުވަހު ކާސްޓްރޯ ތަގުރީރުކުރެއްވުމަށް ދެއްވި ވަގުތަކީ 15 މިނެޓެވެ.

އދ ގެ ޖެނެރަލް އެސެމްބްލީގައި 1960 ވަނަ އަހަރު ކާސްޓްރޯ ދެއްވި ދިގު ތަގުރީރުގެ ތެރެއިން..

އެކުވެރި ދައުލަތްތަކުގެ މިފަހަރުގެ ޖެނެރަލް އެސެމްބްލީގައި އެންމެބޮޑު ޝައުގުވެރިކަމެއް ލިބިގެން ގޮސްފައިވަނީ ހައިޓީގެ ރައީސް އެޑްގާޑް ލެބްލަންކަށެވެ.

ހައިޓީގެ ރައީސް ތަގްރީރު ދެއްވުމުގެ ތެރޭގައި ފެންފޮދު ބެއްލެވީ އެތަނުގައި ހުރި ޖަގުންނެވެ. ޖަގުން ފެންފޮދު ބެއްލެވުމުގެ ތެރޭގައި ޖަގުގައި ރަަަނގަޅަށްް ނުހިފެހެއްްްޓި، ފެންފޮދު ރައީސްގެ ގަޔަށް އެޅޭ މަންޒަރުވެސް ފެނެއެވެ. އާއްމުގޮތެއްގައި ތަގުރީރުކުރައްވާއިރު، ޕޯޑިއަމް ކައިރީގައި ފެންތައްޓެއް ބަހައްޓާފައި ހުރެއެވެ. ހަައިޓީގެ ރައީސްް ޖަަގުން ފެންފޮދު ބައްލަވާ މަންޒަރު ދައްކުވައިދޭ ވީޑިއޯ މިހާރު ވަނީ އިންޓަރނެޓްގައި ވައިރަލް ވެފައެވެ. މި ވީޑިއޯއަށް ކޮމެންޓްކުރި ބައެއް މީހުން ބުނެފައިވަނީ ހައިޓީގެ ރައީސް އެ ދައްކުވައިދިނީ އެ ޤައުމުގެ ހާލަތު މިހާރު އޮތް ހިސާބެވެ. ފެން ބޯނެ ތައްޓެއްހާ ހިސާބުވެސް އެ ޤައުމުގެ ރައްޔިތުންނަށް ނުލިބޭކަމަށް ބައެއް މީހުން އެ ވީޑިއޯއަށް ކޮމެންޓްކުރަމުން ބުނެފައިވެއެވެ.

ހައިޓީގެ ހާލަތު މިހާރު އޮތްގޮތުން އެޤައުމުގެ ރައީސްގެ ފަރާތުން މިފަދަ ކަމެއް ފެނިގެންދިއުމަކީ ހައިރާންވާންޖެހޭވަރުގެ ކަމެއްނޫނެވެ. އދ ގެ މެމްބަރު ޤައުމުތަކަށް ބަލާއިރު، ހައިޓީއަކީ މިހާރު ހާލަތު އެންމެ ގޯސް ޤައުމޭ ބުނެވިދާނެއެވެ. ކެރީބިއަންގެ ޤައުމެއްކަމަށްވާ ހައިޓީއަކީ ގުދުރަތީ ކާރިސާތަކާއި، ޤައުމުގެ އެތެރޭގައި ހިނގަމުންދާ ދާހިލީ ހަމަނުޖެހުންތައް ބޮޑު ޤައުމެކެވެ.މިކަންކަމާހެދި ޤައުމުގެ އިދާރީ ހިންގުންއޮތީ ގާތްގަނޑަކަށް މުޅިންހެން ހުއްޓިފައެވެ.

ހައިޓީގެ ރައީސް އދ ގެ އާއްމު މަޖިލީހުގައި ދެއްވި މިފަހަރުގެ ތަގުރީރުގައި ވިދާޅުވީ ހައިޓީން އަމިއްލައަށް ޤައުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ބާރު ނެތްކަމަށާއި، އެކުވެރި ދައުލަތްތަކުގެ އެހީތެރިކަން ލިބިގެން މެނުވީ އެ ޤައުމަށް ކުރިއަށްދެވޭނެ އެއްވެސް ގޮތެއް ނެތްކަމަށެވެ. ހައިޓީގެ ރައީސް އެޑްގާޑް ލެބްލަން ވިދާޅުވީ، ގޭންގް ހަމަނުޖެހުންތަކާއި، އިންސާނީ ހައްގުތަކަކީ މިއަދު އެޤައުމުގައި ނެތް އެއްޗެއް ކަމަށެވެ. ކަން މިހެންއޮތްއިރުވެސް އަވައްޓެރި ޤައުމުތަކާއި، އެކުވެރި ދައުލަތްތަކުގެ އެހީތެރިކަން ހައިޓީއަށް ލިބެންޖެހޭވަރަށް ނުލިބޭކަމަށް އެޑްގާޑް ވަނީ ފާހަގަކޮށްފައެވެ.

ހައިޓީއަށް މި ފަހުގެ ތާރީހެއްގައި އެންމެބޮޑު މުސީބާތަކާ ކުރިމަތިލާން ޖެހުނީ 2010 ވަނަ އަހަރު އެޤައުމަށް އައި ބިންހެލުމެވެ. މި ބިންހެލުމުގެ ސަބަބުން ތިން ލައްކައަށްވުރެ ގިނަ މީހުން މަރުވިއިރު، އެތައް މިލިއަން ބަޔަކު ވަނީ ހާލުގައިޖެހިފައެވެ. އޭގެ ފަހުންވެސް އެކި ފަހަރުމަތިން އެޤައުމަށް ގުދުރަތީ ކާރިސާތަކާ ކުރިމަތިލާން ޖެހުނުއިރު، ހައިޓީގެ ދާހިލީ ހަމަނުޖެހުންތައްވެސް ދިޔައީ ދުވަހެއް ދުވަހެއް އިތުރުވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް