ހުމާމް ދޫކޮށްލުމަށް އދ.ގެ ހިއުމަން ރައިޓްސް ކޮމެޓީން އެދިއްޖެ
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ މައްސަލައާއި ގުޅިގެން މަރަން ހުކުމްކޮށްފައިވާ ހ.ލޮބީ، ހުސައިން ހުމާމް ދޫކޮށްލުމަށް ދިވެހި ސަރުކާރުގެ ކިބައިން އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމެޓީން އެދިއްޖެއެވެ.
މިކަން ވަނީ އދ.ގެ ދީނީ މިނިވަންކަމާއި ބެހޭ ޚާއްސަ މުޝީރު އަދި ކުރީގެ ފޮރިން މިނިސްޓަރ ޑރ.އަހުމަދު ޝަހީދު ޓްވިޓަރ މެދުވެރިކޮށް ޔަގީންކޮށްދެއްވާފައެވެ.
މި މައްސަލައިގައި އދ.ގެ ހިއުމަން ރައިޓްސް ކޮމެޓީގެ ނިންމުމުގެ ބައިތަކެއް އެމަނިކުފާނު ޓްވީޓްކުރައްވާފައިވާއިރު، އެ ބައިތަކުގައި ވާގޮތުގައި ހުމާމް ހައްޔަރުކޮށް ހުކުމް އިއްވުމާއި ހަމައަށް ދިވެހި ދައުލަތުން ވަނީ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ހުމާމްއަށް ލިބިދޭ މުހިންމު ހައްގުތަކެއް ނިގުޅައިގެންފައެެވެ.
އދ.ގެ ކޮމެޓީގެ ނިންމުމުގައި ވަނީ ހުމާމް ދޫކޮށްލައި، އަލުން ޝަރީއަތް ކުރަން ފެންނަ ނަމަ ހުމާމްގެ ޝަރީއަތް އަލުން ބޭއްވުމަށް އެދިފައެވެ. އަދި ހުމާމްއަށް ބަދަލުދޭން ޖެހޭނެކަމަށްވެސް އެ ނިންމުމުގައި ވަނީ ފާހަގަކޮށްފައެވެ.
މި ނިންމުމުގައި ރާއްޖެެއިން އަމަލުކުރަންޖެހޭ އޮޕްޝަނަލް ޕްރޮޓޮކޯލްއަަކަށް ރިފަރެންސް ދީފައިވެއެވެ. އެހެންކަމުން މިއީ އަަމަލުކުރުން މަޖުބޫރު ނިންމުމެއްތޯ އަދި ޔަގީންކުރެވިފައިނުވާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް