1.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވެލާނާ އެއާޕޯޓުން އަތުލައިގެންފި
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފިއެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ މި ހިނގާ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، އެއާޕޯޓުން އަތުލައިގަތް ތަކެތީގެ ބަރުދަނުގައި ޖުމްލަ ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހުއްޓެވެ. ތަހުލީލުތަކުން ދައްކާގޮތުގައި މިއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްއެވެ.
އަތުލައިގަނެވުނު ތަކެތީގެ ސީދާ ބަރުދަނަކީ 2,174 ގްރާމް ކަމަށް ކަސްޓަމްސްއިން ބުނެއެވެ. މި ތަކެތި ފެނިފައިވަނީ ރާއްޖެއަށް އައި ފަސިންޖަރެއްގެ އަތުންތޯ ނުވަތަ ކާގޯގެ ތެރެއިންތޯ ކަސްޓަމްސްއިން އަދި ސާފުކޮށްދީފައެއް ނުވެއެވެ.
މި ތަކެތީގެ މަގުމަތީ އަގަށް ބަލާއިރު، ގާތްގަނޑަކަށް 1.7 މިލިއަން ދިވެހި ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ކަސްޓަމްސްއިން އަންދާޒާ ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް