ވާންޖެހޭނީ ކޮށްދެވޭނެ ކަންކަމުގެ ވައުދު: ރައީސް ސޯލިހު
އިންތިޚާބުތަކުގައި ވައުދު ވާހިނދު ވާންޖެހޭނީ ކޮށްދެވޭނެ ކަންކަމުގެ ވައުދުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިން ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަމުގެ ވައުދު ވާންޖެހޭނެކަމަށާއި ނަމަވެސް ވާންޖެހޭނީ ކޮށްދެވޭނެ ކަންކަމުގެ ވައުދުކަމަށެވެ.
މިރޭގެ ވާހަކަފުޅުގައި ރައީސް ސޯލިހު ވަނީ ރާއްޖޭގެ ބަރުލަމާނީ ހަޔާތަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މި ބަރުލަމާނީ ހަޔާތުގައި އެކިވަރުގެ ރާޅުތައް ގިރާކޮށްފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"ހަނދާން ކުރަންވީ އެންމެ މުހިންމުކަމަކީ ދާންވީ ކޮން މަގަކުންތޯ. ކިލަނބުކަމެއް ނެތި ބަރުލަމާނީ ހަޔާތް ނިންމާލުމަށް އަޅުގަނޑު އެދެން"، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ދިވެހި ދައުލަތުގެ މައިގަނޑު އެއް ތަނބު ކަމަށާއި، ސަރުކާރުގެ މެޖޯރިޓީ މަޖިލީހުގައި އޮތުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. ރައްޔިތުން މި ސަރުކާރު އިންތިޚާބުކުރީ ވަރަށް ފޮނި އުންމީދުތަކަކާއި އެކުގައި ކަމަށާއި، ފާއިތުވި ދުވަސްތަކުގައި ގިނަ ކަންތައްތައް ކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިރޭ ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް