ޚާރިޖީ ސިޔާސަތުގެ އިސް އަމާޒަކީ ސިޔާދަތު ހިމާޔަތްކުރުން: ރައީސް ސޯލިހު
މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ، ރާއްޖޭގެ ޤައުމީ ސިޔާދަތު ޙިމާޔަތްކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ދިވެހިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ، ރާއްޖޭގެ ޤައުމީ ސިޔާދަތު ޙިމާޔަތްކޮށް، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަމަށެވެ.
އެމަނިކުފާނު އިތުރަށްވަނީ ރާއްޖެއާއި ސްރީލަންކާގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ލަންކާއަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގެ މުހިންމު ބައިވެރިއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރެސީ ޤާއިމުކުރުމަށް، ދެ ހާހުގެ ކުރީކޮޅުގެ އަހަރުތަކުގައި، ދިވެހީންގެ ބަޔަކު ހަށިފޮޅާލާފައި ނުކުތް. އެފަހަރުވެސް ވަރަށް ގިނަ ދަތިތައް ކުރިމަތިވެ، އޭރުގެ އިދިކޮޅު ސިޔާސީ ލީޑަރުންނަށް މަޖުބޫރުވީ ގާދޫކޮލުން ބޭރުވާން. އެފަހަރުވެސް، އަޅުގަނޑުމެންނަށް ރައްކާތެރިކަން ލިބުނު އައްސޭރިއަކީ ސްރީލަންކާ"، ރައީސް ސޯލިހު ވިދާޅުވިއެވެ.
އަދި އެހެންމެ، މިދިޔަ ފަސް އަހަރުގެ ތެރޭގައި، ރާއްޖޭގެ ކަންކަން އިޞްލާޙު ކުރުމަށް ތެދުވި، ވަރަށް ގިނަ ސިޔާސީ ލީޑަރުންވެސް ލަންކާއަށް ހިޖުރަކުރަން ޖެހުނުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގައި އޮތް ޚުދުމުޚުތާރު އަނިޔާވެރިކަމާ ދެކޮޅަށް، ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަން ހޯދުމުގައި، ސްރީލަންކާ ސަރުކާރާއި ރައްޔިތުން ވެދިނީ، އަގުނުކުރެވޭހާ ބޮޑު އެހީތެރިކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް