މިނިސްޓްރީތަކަށް ކިޔާނެ ދިވެހި ނަންތައް ހޯދައިފިން: އެކަޑަމީ
ސަރުކާރުގެ މިނިސްޓްރީތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކަށް ކިޔާނެ ދިވެހި ނަންތަކެއް ކަނޑައަޅުމުގެ މަސައްކަތް ނިމިފައިވާކަމަށް ދިވެހި ބަހުގެ އެކަޑަމީން ބުނެފިއެވެ.
ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޢަޝްރަފު އަލީ ވިދާޅުވި ގޮތުގައި ނަންތައް ކަނޑައެޅުމަށް ފަހު މިހާރު ކުރިޔަށްދަނީ ނަންތައް ބަދަލުކުރުމަށް ހޭދަވާނެ މާލީ ދިރާސާތައް ކުރުމުގެ މަސައްކަތް ކަމަށެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަޝްރަފް ވިދާޅުވި ގޮތުގައި ވުޒާރާތަކަށް ދިވެހި ނަންތައްއެކުލަވާލުމުގައި ބަހުގެ ހަމަތަކާއި އުސޫލުތަކަށް ވަރަށް ބޮޑަށް ބަލައި ދިރާސާކުރެވިފައި ވާނެ ކަމަށެވެ.
އަޝްރަފް ވިދާޅުވި ގޮތުގައި ބަހުގެ އެކަޑަމީން ކަނޑައެޅި ނަންތައް މިހާރު ވަނީ ރައީސް އޮފީހުގެ އިތުރުން ހެރިޓޭޖް މިނިސްޓްރީއާއި ހިއްސާކޮށްފައި ކަމަށެވެ.
ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކަށް މިހާރު ކިޔަމުން އަންނަ އިނގިރޭސި ނަންތައް ދިވެހި ބަހަށް ބަދަލުކުރުމުގެ މަސައްކަތަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ލަފާފުޅުގެމަތިން ދިވެހި ބަހުގެ އެކެޑަމީން ފެއްޓެވި މަސައްކަތެކެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް