މީޑީއާ ބިލް އަނބުރާ ގެންދަން ހުށަހަޅައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މީޑިއާ ކޮމިޝަންގެ ބިލު އަނބުރާ ގެންދިއުމަށް މަޖިލިހަށް ހުށަހަޅުއްވައިފިއެވެ.
މި، ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
މި ބިލާއި ގުޅިގެން ނޫސްވެރިން ކަންބޮޑުވުން ފާޅު ކުރައްވަމުންދަނިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދާދިފަހުންވަނީ ޕީއެންސީގެ މެންބަރުން އެ ބިލު މަޖިލީހުން ބޭރުކޮށްލައްވާނެ ކަމުގެ ޔަގީކަން ދެއްވާފައެވެ.
އަދި މިއަދު ވޮއިސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަންނާން ވަނީ އެ ބިލު އަނބުރާ ގެންދަވާފައެވެ.
ހަންނާން ހުށަހެޅުއްވި ބިލުގައި ވާގޮތުން، މި ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނުން އެކުލަވާލާ ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000 ރުފިޔާ އާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ނޫސް މަޖައްލާ ޖޫރިމަނާ ކުރެވޭ އިރު، އަދި ވަކިވަކި ނޫސްވެރިން ވެސް 5،000 ރުފިޔާ އާއި 10،000 ރުފިޔާ އާ ދެމެދުން ޖޫރިމަނާ ކުރެވޭނެއެވެ.
މި ގާނޫނުން އުފައްދާ ކޮމިޝަނުގައި ހަތް މެންބަރުން ތިބޭއިރު އެ ކޮމިޝަނުގެ ދައުރަކީ ފަސް އަހަރެވެ.
އަދި މަޖިލީހަށް ހުށަހެޅުނު މި ބިލު ގާނޫނަކަށް ވުމުން، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އުވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް