ގައުމީ ޓީމުގައި އަޝްފާގު ހިމެނެންޖެހޭ- މަހުލޫފު
ގައުމީ ފުޓްބޯޅަ ޓީމުގައި އަލީ އަޝްފާގު(ދަގަނޑޭ) ހިމެނެން ޖެހޭ ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު ނަންގަވާ ސްކޮޑެއްގައި އަޝްފާގު ހިމެނޭނެ ކަމަށެވެ. އެގޮތުން ޓީމްގެ ފުރަތަމަ 11ގައި އަޝްފާގު ހިމެނޭނެ ކަމަށް މިނިސްޓަރ މަހުލޫފު ވިދާޅުވިއެވެ.
މަހުލޫފު ވިދާޅުވީ، އަޝްފާގު ގައުމީ ޓީމަށް ކުޅުމަކީ ދިވެހި ސަޕޯޓަރުންގެ އެދުމެއް ކަމަށާ، އެކަން ފުޓްބޯލް އެސސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް)އާ ހިއްސާ ކޮށްދެއްވާނެ ކަމަށެވެ.
މިނިސްޓަރ މަހުލޫފު އެހެން ވިދާޅުވިއިރު، ގައުމީ ޓީމަށް ކުޅެން ފުރުސަތު ދީފިނަމަ، އެފުރުސަތުގެ ބޭނުން ހިފަން ތައްޔާރަށް ހުރި ކަމަށް، ގައުމީ ޓީމުގެ ކެޕްޓަންގެ ގޮތުގައި ހުރެ، ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްދިން ހުނަރުވެރި ކުޅުންތެރިޔާ އަލލީ އަޝްފާގު ވަނީ ބުނެފައެވެ.
އަޝްފާގު ބުނީ އަދިވެސް ގައުމަށް ހިދުމަތް ކޮށްދޭން އޭނާ ބޭނުންވާ ކަމަށެވެ.
އަޝްފާގު ވަނީ އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގައިވެސް އޭނާ ކުޅެން ބޭނުންވި ކަމަށް ބުނެފައެވެ. އެހެނންނަމަވެސް ގައުމީ ޓީމުގެ ކޯޗު ޕީޓަރ ސެގާޓް އެކުލަވާލި 30 ކުޅުންތެރިންގެ ސްކޮޑްގައި އޭނާ ހިމަނާފައެއް ނުވެއެވެ. އަޝްފާގަށް ގައުމީ ޓީމުން ފުރުސަތު ނުދިނުމުން، ގައުމީ ޓީމުގެ ކޯޗާއި، އެފްއޭއެމްއަށްވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް