"ވައުދު ފުއްދަން ލަސްވަނީ ކޯލިޝަން ސަރުކާރެއް ވީމަ"
އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ލަސްވަނީ އެޕާޓީން ވެރިކަން ކުރަނީ ކޯލިޝަން ސަރުކާރެއްގައި ކަމަށްވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހއ ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަކުގެ ވެރިކަމުގެ ފުރަތަމަ އަހަރާ އަޅާބަލާއިރު ސަރުކާރުގެ ސްޕީޑް ދަށް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އެގޮތުން މިހާތަނަށް އެކި ފަރާތްތަކަށް އެވޯޑް ކުރެވުނު މަޝްރޫއުތަކަށް ބަލާއިރުވެސް އެކަށީގެންވާ ގޮތެއްގައި ސަރުކާރު ހިނގަމުންދާ ކަަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"އެހެންނަމަވެސް އަޅުގަނޑުމެން އުއްމީދު ކުރާވަރަށް އެ ކަންކަން ނުކުރެވެނީ. އެއީ އަޅުގަނޑުމެންގެ ސަރުކާރަކީ ކޯލިޝަން ސަރުކާރެއް ގޮތަށް އައި ސަރުކާރެއް. އަޅުގަނޑުމެންގެ ޕާޓީގެ ސަޕޯޓޓަރުންގެ ވަރަށް ބޮޑު އުއްމީދުތަކާއެއްކޮށް އަޅުގަނޑުމެންގެ ސަރުކާރު އައީ. އެހެންނަމަވެސް ކޯލިޝަނަކުން ވެރިކަމަށް އައީމަ، ގިނަ ވުޒާރާތަކެއް ހިންގަން މިތިބީ އެހެން ޕާޓީތައް ތަމްސީލު ކުރާ ވަޒީރުން" ޝަރީފް ވިދާޅުވިއެވެ.
ސަރުކާރު ހިނގަންވާ ގޮތަށް ނުހިނގާ ކަމަށް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު އެއްބަސްވެވަޑައިގެންނެވިއިރު، ސިޔާސީ ގިނަ ފަރާތްތަކުންެެވެސް އަންނަނީ އެކަން ފާހަގަ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް