ވަކީލަކަށްވުމަށް އިމްތިހާނެއް ހެދުމުގެ އުސޫލު އެކުލަވާލައިފި
ގާނޫނީ ވަކީލަކަށްވުމަށްޓަކައި އިމްތިހާނެއް ހަދަންޖެހޭ ގޮތަށް ވަކީލަކަށްވުމުގެ އުސޫލަށް ބަދަލުގެނެސްފިއެވެ.
ބާ ކައުންސިލުން އެކުލަވާލައި ގެޒެޓްކޮށްފައިވާ ގާނޫނީ ވަކީލަކަށްވުމުގެ ހުއްދަ ދޫކުރުމާއިބެހޭ ގަވާއިދުގައިވާ ގޮތުގައި ވަކީލަކަށްވުމަށްޓަކައި ބާ އިމްތިހާނާއި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ މީހަކަށް ވާން ޖެހޭނެއެވެ.
އަދި މީގެ އިތުރުން ވަކީލުކަމުގެ ހުއްދަ ދޫކުރާނީ އުމުރުން 21 އަހަރު ފުރި، ބާ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީއެއް ހާސިލު ކޮށްފައިވާ ދިވެހީންނަށެވެ.
މި އިމްތިހާނުގައި ހިމަނާނެ ސުވާލުތައް ކަނޑައަޅައި، ޖަވާބު ސްކީމް ތައްޔާރުކޮށް، އިމްތިހާނު ބާއްވާނެ ތާރީހުތައް ކަނޑައަޅައި، އެ އިމްތިހާނުތައް ބޭއްވުމުގެ އެންމެހައި އިންތިޒާމުތަކެއް ހަމަޖައްސާނީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ފަރާތުންނެވެ.
ގަވާއިދުގައި ބުނާ ގޮތުގައި ކޮންމެ އަހަރަކު ވެސް މަދުވެގެން އެއް ބާ އިމްތިހާން ބާއްވަން ޖެހޭނެއެވެ.
ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން އެއް އަހަރު ދުވަހުގެ ތަމްރީނެއް ފުރިހަމަ ކުރަން ޖެހޭނެކަމަށް ގަވާއިދުގައިވެއެވެ. މި ތަމްރީން ފުރިހަމަކުރެވޭނީ ބާ ކައުންސިލުން ހުއްދަކުރާ ތަންތަނުގައި، ގަވައިދުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ސުޕަވައިޒަރުންގެ ބެލުމުގެ ދަށުންނެވެ.
އެއީ ބަންޑާރަ ނައިބުގެ އޮފީހާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ޝަރުތު ފުރިހަމަވާ ލީގަލް ޕްރެކްޓިސްތަކުގެ އިތުރުން، ޝަރުތު ފުރިހަމަވާ ލޯ ފާމްތަކާއި، ޝަރުތުތައް ފުރިހަމަވާ ސުޕަވައިޒަރަކު ފުލްޓައިމްކޮށް ގާނޫނީ މަސައްކަތްކުރާ ކޮންމެ ތަނެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް