ކަޅުވަކަރު މިސްކިތް ކުރިން ދިރާގުހުރި ބިމުގައި ބަހައްޓަނީ
ރޫޅާލެވިފައިވާ ކަޅުވަކަރު މިސްކިތް، އަލުން ރޭވުމަށްފަހު ސަލްޓަން ޕާކްގައި ހުރި އުސްގެކޮޅު ޖެހިގެން އޮތް ކުރިން ދިރާގު ހިންގި ހުސްބިމުގައި ބެހެއްޓުމަށް ހެރިޓޭޖް މިނިސްޓްރީން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވާކަން އެ މިނިސްޓްރީން އިއުލާންކޮށްފައިވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ.
މިނިސްޓްރީން ބުނިގޮތުގައި އެ މިސްކިތް ބަހައްޓާނީ ޗާންދަނީމަގާއި މެދު ޒިޔާރަތްމަގު ގުޅޭ ކަންމަތިން، ކުރިން ދިރާގު އޮފީސް ހުރި ބިމުގައެވެ. އަދި އެގޮތަށް ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މި މިސްކިތް އަލުން ރާވައި ބެހެއްޓުމުގައި އެހީތެރިވުމަށް ވޮލަންޓިއަރުން ހޯދުމަށް މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން މިކަމުގައި ވޮލަންޓިއަރ ކުރުމަށް ބޭނުންވާ ފަރާތްތަކުގެ ނަމާއި އީމެއިލް އެޑްރެސް 7947266 ނަންބަރަށް މެސެޖްކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މައުލޫމާތު ލިބޭގޮތުގައި މި މިސްކިތް ބެހެއްޓުމުގެ ކުރިން ލަކުޑިއާއި ހިރިގަލުގެ ބައިތަކަށް ފަރުވާ ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް