އަބުރު ކަތިލި މީހުންނާ ދެކޮޅަށް ދައުވާކުރާނަން: ޑރ. ޝަހީމު
އިންސާފު ލިބޭނެކަމުގެ ޔަގީންކަން ލިބުނު ދުވަހަކު އަބުރު ކަތިލި މީހުންނާ ދެކޮޅަށް ދައުވާކުރާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމު މިހެން ވިދާޅުވީ، ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރުކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން އެކުވައިލި ރިޕޯޓުގައި، މަރުކޮމިޝަނަށް ދޮގު މައުލޫމާތު ދެއްވި ކަމަށް ބަލައި ޝަހީމަށް ފިޔަވަޅު އަޅަން މަޖިލީހުން މިއަދު ފާސްކުރުމާއި ގުޅިގެންނެވެ.
ޝަހީމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ހަތަރު މަޒުހަބުގެ ހަތަރު ވެރިން ގެނައި އަނިޔާވެރި ނިޒާމު ހަތަރު ކަނުން އިރައިގެން ދާނެއެވެ. އިންސާފު ލިބޭނެކަމުގެ ޔަގީންކަން ލިބުނު ދުވަހަކު އަބުރު ކަތިލި މީހުންނާ ދެކޮޅަށް ދައުވާކުރާނެ ކަމަށެވެ.
ޝަހީމު ވިދާޅުވީ، މަޖިލީހުގެ އެ ނިންމުމަކީ ގާނޫނު އަސާސީއާއި ހިލާފު، ޣައިރު ގާނޫނީ ނިންމުމެއް ކަމަށެވެ. ފިޔަވަޅު އަޅަން ނިންމުމަކީ މަޖިލީހުގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި ކޮމިޝަނުގެ ރިޕޯޓުގައި ނެތް ތުހުމަތުތަކެއް އުފައްދައިގެން ހަގީގީ ގާތިލުން ފޮރުވަން މަސައްކަތްކުރުމަކީ ޖަރީމާއެއް ކަމަށެވެ.
''ސަލަފާއި އަޅުގަނޑުގެ ނަން ރިޕޯޓުގައި ހިމަނައި ފިޔަވަޅު އަޅަން ނިންމީއަޅުގަނޑުމެންނަކީ އެމްޑީޕީ އުނގަށް ނުވެއްޓި، ވިއްކާލަން ރިޝްވަތުގައި ނުހިފި، މިނިވަންކަމާއެކީ މިވަގުތާއި ހަމަޔަށް އިސްލާމީ ހިދުމަތުގައި، ދެމިތިބި ބަޔަކަށްވާތީ ހަސަދަ ފިލުވުމުގެ މަގުސަދުގައެވެ.'' ޑރ. ޝަހީމު ވިދާޅުވިއެވެ.
ޝަހީމު ވިދާޅުވީ އިލްމުވެރިންގެ އީމާންކަމުގެ މުންނާރުތައް ވައްޓައި ނުލެވޭނެ ކަމަށާއި އިލްމުވެރިންގެ އިސްލާމު ކަމުގެ ކިއްލާތައް ފޫއަޅުވައި ނުލެވޭނެ ކަމަށެވެ.
'' ކޮޅިގަނޑެއްގައި ޖެހިގެން އަހަރެމެންގެ ސަފުތައް ރޫޅިގެން ދިޔަނަމަވެސް އަލުން ސަފުތައް ރުކުރުވައިލައި އަހަރެމެން ﷲ ގެ ރަހުމަތުން ނަސްރު ހޯދާނަމެވެ.'' ޑރ. ޝަހީމުގެ ޓުވީޓުގައި ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް