"ހަވަރު" ތިނަދުއަށް ސިޔާސީ ގުޑުން އަރައިފި
އެމްޑީޕީގެ ހާޑްކޯ އެކްޓިވިސްޓުންގެ އެންމެ ވަރުގަދަ ހާޓްލޭންޑްކަމުގައިވާ ގދ ތިނަދުއަށް ވެރިވެފައިވަނީ ވަރަށް ބޮޑު މާޔޫސްކަމެކެވެ. ތިނަދޫގެ އުތުރުދާއިރާއަށް އެމްޑީޕީގެ ތިނަދޫ ސަޕޯޓަރުން ޚިޔާރުކުރި އެމީހުންގެ ކެންޑިޑޭޓާއިމެދު އެމީހުން ނުހަނު ލޯބިވި ލީޑަރ ދެއްކެވި ހިލަ ހިތްޕުޅަކާއި ކުރިއަށް ނެރުއްވި ދަގނަޑު އަތްޕުޅެއްގެ ސަބަބުންނެވެ.
ތިނަދޫ ދެކުނުދާއިރާގެ އެމްޑީޕިއަނުން ބޭނުންވީ އަބްދުލް މުޣުނީ މަޖިލީހަށް އިންތިޚާބުކުރުމަށެވެ. ޕްރައިމަރީން އޭނާ ކާމިޔާބު ހޯދުމުން އެމްޑީޕީން ރަސްމީކޮށް ޓިކެޓްވެސް ހަވާލުކުރެއްވީއެވެ. ދެން ދޮރުންދޮރަށް ހިގައި އެތައް ޚަރަދުތަކެއްކޮށް އެތައް ގުރުބާނީތަކެއްވެ އިދިކޮޅު ކެންޑިޑޭޓަށް ނިސްބަތްކޮށް އެތައްފުރައްސާރައެއް ކުރެވިފައިވަނިކޮށް ސޯޝަލް މީޑިއާގައި މީހަކު ކޮށްލި ޓްވީޓަކުން، މުޣުނީ ގަބޫލުކުރާގޮތުގައި އެއްވެސް ތަހްގީގެއް ހިންގައި ބެލުމެއްނެތި ތިނަދޫ ރައްޔިތުންގެ ވޯޓްދިނުމުގެ ހައްގަށް އަރައިގަނެވުނީއޭ ނުބުނެވޭނެތޯއެވެ.
ތިނަދޫ އުތުރުގައި ދިރިއުޅޭ އެމްޑީޕިއަނުން މިހާރު ވޯޓްދޭނެ މީހަކު ނެތެވެ. މުޣުނީއަކީ ޕާޓީން ގަބޫލުކުރާ މީހެއްނޫނެވެ. ޕާޓީން ގަބޫލުނުކުރާ މީހަކަށް ވޯޓްދޭނީ ކިހިނެތް ހެއްޔެވެ. ތިނަދޫގައި ވަރުގަދަ ޑިބޭޓެއްދަނީ ހިގަމުންނެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތިނަދޫގެ ރައްޔިތުން ހިތް ފުރެންދެން ހިންގި ތަރައްގީގެ ބިޔަ މަޝްރޫއުތަކަށް ބެލުމެއްނެތި އަދި 2012 ފެބްރުއަރީ އަށެއްގައި ނުކުމެ އެމީހުން ހިންގި ވަރުގަދަ ހަރަކާތާއި ޕާޓީއަށްޓަކައި ވެވެމުންދާގުރުބާނަކަށް ވޯޓްދޭން ތައްޔާރުވި ހިނދު އަމަލުކުރިގޮތުން ޕާޓީވަންތަވެގެން ތިބުމުގެ މާނައެއް އޮތްތޯ އުފެދޭ ސުވާލުތަކަކާހެދިއެވެ.
އެންމެ ލޯބިވާ ލީޑަރ މިފެނުނީ ވަރަށް ބޭއިންސާފުން ކަންތައް ކުރެއްވިތަނެވެ. މުޣުނީގެ ހާޑްކޯ ސަޕޯޓަރުންތިބީ ވަރަށް ރުޅިގަދަވެފައެވެ. މިދުވަހަށް އޭނާ ވަރަށް ބޮޑެތި ޚަރަދުތަކެއް ކޮށްގެން ތައްޔާރުވާތާ އެތައް އަހަރެއްވެއްޖެއެވެ. ތިނަދޫ މީހުން ލަފާކުރާގޮތުން ހައެއްކަ މިލިޔަން ރުފިޔާ އޭނާ ރަށުތެރެއަށް އަޅައިފިއެވެ. އެހާވަރަށް ބުރަމަސައްކަތްތަކެއްކޮށް ކާމިޔާބާހަމައަށް ވާސިލުވާން ހުރިހައި ހުރަސްތަކެއް ކެނޑިފައިވަނިކޮށް ކުރީގެ އަންހެނުންނާމެދު ހިންގިކަމަށްބުނާ ގެވެށި އަނިޔާއަކާހެދި ރައީސް މުހައްމަދު ނަޝީދު އޭނާގާތު މައާފްއެދެން ވިދާޅުވުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެކަމެއްނޫނެވެ. އަދި ކިޔެއް ހެއްޔެވެ. އޭނާގެ އަގު ވެއްޔާއި މޮޑެލުމެވެ.
މުޣުނީފަދައިން ގެވެށި އަނިޔާކުރިކަމަށް ތުހުމަތުކުރެވުނު އެހެން ބޭފުޅެއްގެ ދިފާއުގައި މުޅި ޕާޓީގެ ހުރިހައި ގުނަވަންތަކެއް ބޭނުންކޮށް އަދި ޕާޓީގެ ލީޑަރޝިޕްގެ ހުރިހައި ލީޑަރުން އެކުވެގެން ކުރަމުންދާ މަސައްކަތްތަކާއި އިއްވަމުންދާ ތާރީފްގެ ބަސްތައް ސޯޝަލް މީޑިއާއިން އެއްވެސް ހުރަހެއްނެތި އެމީހުންނަށް ފެނެއެވެ. އަނެއްކާ ތިންވަނަ މީހަކަށް ދިއްދޫ ކެންޑިޑޭޓްގެ ކަރޮޕްޝަން މައްސަލައެއް ފަޅާއަރައިފިއެވެ. ނަޒާހަތްތެރިކަމޭ ގޮވަމުންދިޔަޔަސް ކަރޮޕްޝަންގެ ތުހުމަތުތަކަށް ހޭ ޔޭވެސް އަހައެއް ނުލައެވެ.
ގެވެށިއަނިޔާއަށް ތުހުމަތުކުރެވުނު ދެބޭފުޅުންކުރެ ބޭފުޅެއްގެ މައްސަލަ ޕާޓީން ބެލީ ކިހާވަރަކަށްކަމެއް ނޭގެއެވެ. އެކަކީ ޕާޓީގެ ކަމުވޮށިވެގެންވާ މަތީފަންތީގެ ބޭފުޅެކެވެ. ލޯބިވާ ލީޑަރުގެ ފަތްހަތްޕުޅުން ކޯޓްފަޓްލޫންގައި އުޅުއްވާ ފިސާރި ކަނބަލެކެވެ. މުޣުނީއަކީ އާދައިގެ ސޮރެކެވެ. އެކަކަށް ތާރީފްގެ ބަސްތައް އޮއްސައ އަނެކަކު މައާފްއެދެން އެންގިއްޖެއެވެ.
އެމްޑީޕީން އެންމެފަހުން މިއަމަލު ކުރިގޮތުން ގެވެށިއަނިޔާއަކީ ވަކިބަޔަކަށް ރައްދުވެގެންވާނެ އެއްޗެއްނޫނެވެ. ޕާޓީގެ އިސްލީޑަރުގެ ބްލެސިން ޖެހުނީމާ ކުޑަކުދިންނަށް ކުރާ ޖިންސީގޯނާގެމައްސަލަވެސް ނިމުނީ އެފަދައިންނެވެ. މާރާމާރީ ހިންގައިގެން ހައްޔަރުކުރީމާ އޭނާ ދޫކޮށްލާށޭ ވިދާޅުވީމާ އެއީ އިންސާފު ގާއިމުކުރެވުމެވެ. ސުމިތުގެ މައްސަލައަކީ މިސާލެއް ނޫންތޯއެވެ.
ކޮންމެއަކަސް އެމްޑީޕީގެ މިފިޔަވަޅުން ތިނަދޫގެ އެމްޑީޕީގެ ސަޕޯޓްބޭހަށް ގުޑުންއަރައިފިކަމަށް އަޑުތައް އިވެއެވެ. ތިނަދޫ އުތުރުގެ އެމްޑީޕީގެ ސަޕޯޓްބޭސް ދެބަޔަކަށް ބެހުނީއެވެ. އެއްބަޔަކު ތިބީ މުޣުނީއަށް ވަފާތެރިވެގެންނެވެ. އެމްޑީޕީގެ ވެރިޔަކު އެރަށަށް އެރިޔަ ނުދޭނެކަމަށް ހުވައިކުރާކަމަށްވެސް އަޑުތައް އަރައެވެ. އަނެއްބަޔަކު ޕާޓީގެ އެމީހުން ލޯބިވާ ލީޑަރ ވިދާޅުވި ބަސްފުޅުއަހައިގެންނެވެ. ކުރީގެ ބަންޑާރަ ނާއިބް ދިޔާނާ ވިދާޅުވާފަދައިން ގެންދަވާނީ އެމީހަކަށް ދައްކަވަންހުރިތަނެއް ދައްކަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް