ޣައިރު ޤާނޫނީ ސާކިއުލާއަކުން ދަރުސް ދިނުމުގެ ހުއްދަ ނުހިފެހެއްޓޭނެ: ޖަމްޢިއްޔަތުއްސަލަފް
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކުން ލިބިފައިވާ ދަރުސް ދިނުމުގެ ހުއްދައެއް ގެޒެޓްވެސް ނުކުރާ ޣައިރު ޤާނޫނީ ސާކިއުލާއަކުން ހިފެހެއްޓޭނެކަމަށް ޤަބޫލު ނުކުރާކަމަށް ޖަމްޢިއްޔަތުއްސަލަފުން ބުނެފިއެވެ.
ދީން ޙިމާޔަތް ކުރުމުގެ މައުޟޫއަށް ޖަމްޢިއްޔަތުއްސަލަފުން ބާއްވަން މަސައްކަތްކުރި ފޯރަމް އިސްލާމިކް މިނިސްރީއިން ހުއްޓުވާފައިވާތީއާއި މިނިސްޓްރީގެ ފަރާތުން އެކަން ވީގޮތް ބަޔާންކޮށްދިނުމަށް ތަފާތު ގިނަ ޓްވީޓުތަކުގެ އިތުރުން އެމިނިސްޓްރީއިން ބަޔާނެއް ނެރިފައިވާތީ އެކަމަށް ޢިޝާރާތްކޮށް ޖަމްޢިއްޔަތުއްސަލަފުން ބުނެފައިވަނީ ޤާނޫނު އަސާސީއިން ލިބިދޭ ޙައްޤެއް ނުވަތަ މިނިވަންކަމެއް އެއްވެސް މިންވަރަކަށް ހަނިކުރެވޭނީ ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އިމުގެތެރެއިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމުގައިވާއިރު، މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކުން ލިބިފައިވާ ދަރުސް ދިނުމުގެ ހުއްދައެއް ގެޒެޓްވެސް ނުކުރާ ޣައިރު ޤާނޫނީ ސާކިއުލާއަކުން ހިފެހެއްޓޭނެކަމަށް ޤަބޫލު ނުކުރާކަމުގައެވެ.

ޖަމިއްޔާގެ ފޭސްބުކު ޕޭޖުގައި ބުނެފައިވަނީ ދީނީ އެއްބައިވަންތަ ކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ހުއްދަ އޮންނަ ޝެއިޚަކު ދަރުސް ދިނުމަށް އިތުރު ހުއްދަ އެއް ނަގަން ޖެހޭ ކަމަށް ބުނެ މިދިއަ އަަހަރުގެ ފެބްރުއަރީ އެކެއްގައި ސާރކިއުލާއެއް ނެރުނު ހިސާބުންވެސް އެއީ ނަގަން ޖެހޭ ހުއްދައެއް ނޫން ކަމުގައި އެޖަމިއްޔާއިން ބުނަމުން އަންނަކަމަށެވެ. އެއާއެކު މީގެ ކުރިން އެޖަމިއްޔާއިން ބޭއްވި އެއްވެސް ފޯރަމަކަށް ވަކިން ހުއްދަ ނަގާފައި ނުވާނެ ކަމަށާއި، އެގޮތުން ރިބާއާއި ބެހޭގޮތުން ބޭއްވި ފޯރަމްވެސް ބާއްވާފައިވަނީ އިސްލާމިކު މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައިކަމަށެވެ. އަދި އެއަށްވެސް ވަކިން ހުއްދަ ނަގާފައި ނުވާނެކަމަށްވެސް ސަލަފުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް