އޮގަސްޓްމަހު ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ 101މައްސަލައެއް ހުށައެޅުނު: ޖެންޑާ
ނިމިދިޔަ އޮގަސްޓްމަހުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ގުޅޭ 101 މައްސަލައެއް ހުށައަޅާފައިވާކަަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 101 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ.މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނީއްކައިގެ މައްސަލަތަކެވެ.
އެގޮތުން މި ބާވަތުގެ 40 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.މި މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 23 މައްސަލަ، ޖިސްމާނީ ހާނީއްކައިގެ 23 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 8 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 3 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާލިބުމުގެ 2 މައްސަލަ އަދި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 2 މައްސަލަ ހިމެނެއެވެ.
މީގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 25 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައާއި ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލައެވެ. އެ ގޮތުން ކޮންމެ ދާއިރާއަކުން 8 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ.
•މީގެ އިތުރުން، ބާރާއި ނުފޫޒު ފޯރުވުމުގެ 3 މައްސަލަ، ޖިންސީ ހާނީއްކަކުރުމުގެ 2 މައްސަލަ، ރޭޕްކުރުމުގެ 2 މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ 2 މައްސަލަ ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް