ޤައުމާއި ދާއިރާއަށް އެންމެ މަސްލަހަތުހުރި ގޮތަކީ ޘަޤީފް ހޮވުން: ޝައިޚް އިމްރާން
ވައިކަރަދޫ ދާއިރާއަށް މަޖްލިސް އިންތިހާބުގައި ކުރިމަތިލާފަ ތިބި ކެނޑިޑޭޓުންގެ ތެރެއިން ވައިކަރަދޫ ދާއިރާއަށާއި ޤައުމަށް މިވަގުތު އެންމެ މަސްލަހަތު ހުރީ ހުސައިން ޘަޤީފް އިންތިހާބު ކުރުންކަމުގައި ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޘަޤީފްގެ ކެމްޕެއިން ޓީމާއި ބައްދަލުކުރައްވާ ޝައިޚް އިމްރާން ވިދާޅުވީ ޝަޤީފް ހޮވުމުގައި އެކި ޕާޓީތަކާއި ޕާޓީތަކަށް ނިސްބަތްނުވާ ފަރާތްތައްވެސް ޝާމިލްވާގޮތަށް އެންމެންގެ ވިސްނުން އެބަ އެއްވިސްނުމަކަށް ވާކަމަށާއި މިވަގުތު ނިކުންނަވާފަތިބި ކެނޑިޑޭޓުންގެ ތެރެއިން ވައިކަރަދޫ ދާއިރާއަށާއި މިޤައުމަށް ވަގުތު އެންމެ މަސްލަހަތުހުރީ ޘަޤީފްކަން އެންމެނަށް އެބަ ޤަބޫލުކުރެވޭ ކަމަށެވެ.
ޝައިޚް އިމްރާން ވިދާޅުވީ ޘަޤީފްގެ ކެމްޕެއިން ޓީމަކީ ވަކި ޕާޓީއެއްގެ ޓީމެއް ނޫންކަމަށާއި ޘަޤީފްގެ ކެމްޕެއިން ޓީމުގައި ޕީޕީއެމް، އެމްޑީޕީ، ޖޭޕީ އަދި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ ބޭފުޅުންވެސް އެބަތިއްބެވިކަމަށެވެ.
"ޘަޤީފްގެ ކެމްޕެއިން ޓީމަކީ ވަކި ޕާޓީގެ ޓީމެއް ނޫން. އަދާލަތުގެ ޓީމެއްވެސް ނޫން. މިތާނގައި ގިނައީ އޭޕީގެ މީހުންނެއްވެސް ނޫން. ޕީޕީއެމް، އެމްޑީޕީ، ޖޭޕީ އަދި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ ބޭފުޅުންވެސް އެބަތިއްބެވި" ޝައިޚް އިމްރާން ވިދާޅުވިއެވެ.
ޝައިޚް އިމްރާން ވިދާޅުވީ ހުރިހާ ކުލައެއް އެކުވެގެން ޘަޤީފް ނަގައިގެން އަމާޒު ހިފާނީ ދާއިރާގެ ތަރައްޤީއަށް ކަމަށާއި ދާއިރާގެ ހުރިހާ ރަށެއްގެ ތަރައްޤީއަށް، ދާއިރާގެ ހުރިހާ ބޭފުޅުންގެ މުސްތަޤުބަލަށް މަސައްކަތްކުރައްވާނެ ކަމަށް ޝައިޚް އިމްރާން ވިދާޅުވިއެވެ. އަދި ﷲ ގެ އިރާދަފުޅާއެކު ޘަޤީފް ހޮވުމަށްފަހުގައި ހުރިހާ ޕާޓީތަކެއްގެ އެންމެންގެ ބައިވެރިވުމާއެކުގައި ވައިކަރަދޫ ދާއިރާގެ ތަރައްޤީއަށް ކުރަންހުރި މަސައްކަތްތައް ކުރާނެކަމުގެ ޔަޤީންކަން ޝައިޚް އިމްރާން ދެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް