މައްސަލަ ޖެހުނު ފްލައިޓްގެ ފަސިންޖަރުންގެ ކިބައިން މައާފަށް އެދެން: މޯލްޑިވިއަން
އިއްޔެ މެންދުރުފަހު ކުރީ ފުރޮޅުގައި މައްސަލަ ޖެހިގެން އިމަރޖެންސީގައި ލޭންޑްކުރި މޯލްޑިވިއަންގެ ފްލައިޓްގެ ފަސިންޖަރުންގެ ކިބައިން، އެ އެއަރލައިން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނިން މާފަށް އެދިއްޖެއެވެ.
އައިލެންޑް އޭވިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފްލައިޓަށް ދިމާވި މައްސަލަ ބަލައި، އެކަން ހައްލުކުރުމަށް ކުރެވެން ހުރި ކަންތައްތައް ކުރާނެކަމަށެވެ.
އަދި އެ ބޯޓުން ދަތުރު ކުރި ފަސިންޖަރުންނަށް ދިމާވި ދަތިތަކާއި އިހުސާސްކުރަން ޖެހުނު ނުތަނަވަސްކަމަށް އެ ކުންފުނިން ވަނީ ނިހާޔަތަށް މައާފަށް އެދިފައެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ މޯލްޑިވިއަން އަކީ، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ދުނިޔޭގެ ވައިގެ ދަތުރުފަތުރާ ގުޅޭ މައި އިދާރާ އައިކާއޯ އިން ކަނޑައަަޅާފައިވާ ގަވާއިދުތަކާއި މިންގަނޑުތަކުގެ ތެރޭގައި އޮޕަރޭޓު ކުރަމުންދާ އެއާލައިނެއް ކަމަށެވެ. އަދި އެ އެއާލައިނަކީ ގަވާއިދުން އޮޑިޓް ކުރެވޭ އެއާލައިނެއް ކަމަށެވެ.
އަދި ދަތުރުވެރިންނާއި ކްރޫއިންގެ ރައްކާތެރިކަމަކީ މި އެއާލައިނުން އެންމެ ބޮޑަށް އިސްކަންދޭ ކަން ކަމުގައި ބަޔާނުގައި ފާހަަގަކޮށްފައިވެއެވެ.
މޯލްޑިވިއަންގެ ފްލައިޓުން ދަތުރުކުރަމުން ދިޔަ ހުރިހާ ޕަސެންޖަރުންނާއި ކްރޫން ރައްކާތެރިކަމާއި އެކު އެމީހުންގެ މަންޒިލަށް ގެނެސްދިނުމުގެ ޒިންމާ އާއި ހަވާލުވެ ތިބި ކެޕްޓަން އަބްދުލް ބާސިތް އިބްރާހިމް އާއި ފަސްޓް އޮފިސަރު ރިމާހްރުޝްދީ އަދި ފްލައިޓް ސުޕަވައިޒަރ ހަސްނާ މުޙައްމަދު އެ ނާޒުކު ދަނޑިވަޅުގައި ދެއްކި ހިތްވަރަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް