މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް އޭސީސީން ވަދެއްޖެ
އޭސީސީން ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް އޭސީސީން ވަދެއްޖެއެވެ.
ސިޓީ ކައުންސިލްގެ އިދާރާއަށް އޭސީސީން ވަދެފައިވަނީ ލޮނުޒިޔާރަތްކޮޅު އަޑިޕާކް ސަރަހައްދުގައި ރަސްމީކޮށް ބިޑް ހަވާލުނުކުރަނީސް މަސައްކަތްތަކެއް ކުރަމުންދާ މައްސަލައިގައެވެ.
މާލޭގެ އަޑިޕާކު ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތްތަކުގެ ދަށުން އެތަނުގައި ގާޑް ބްރިޖަކާއި ފާހާނާ ބަރިއަކާއި އެންޓްރެންސް ކެނޮޕީއެއްގެ އިތުރުން ލައިފް ގާޑް ޓަވަރެއް އިމާރާތްކުރުމަށް ވަނީ ނިންމާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެތަންތަން ތަރައްގީކުރުމަށް މާލޭ ސިޓީ ކައުންސިލްގެ ބިޑް ކޮމެޓީއަށް ހުށައަޅާފައިވަނީ މީގެ ގާތްގަނޑަކަށް އެއްހަފްތާ ކުރިންނެވެ. ރާއްޖޭގެ އޮންލަައިން ނޫހެއްކަމުގައިވާ "ސަން"އަށް މައުލޫމާތުދެމުން މެދު ހެންވޭރު ދާއިރާގެ ސިޓީ ކައުންސިލްގެ މެންބަރު އަދި ބިޑް ކޮމެޓީގެ މުގައްރިރު އަހުމަދު ނިޔާޒް ވިދާޅުވީ އެތަން ބިޑް ކޮމެޓީއަށް ހުށަައެޅުނުވެސް ވަނީ ބިންގާ އަޅާފައިކަމަށެވެ.
މިތަނުގެ މަސައްކަތް ކުރަމުންދަނީ އަމީން ކޮންސްޓްރަކްޝަނުންނެވެ. އެ ކުންފުނިން މިތަނުގެ މަސައްކަތް ކުރާ ތަނުގެ ފޮޓޯތަކެއް މާލޭ ސިޓީގެ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރ މުހައްމަދު ފަޒީން ވަނީ ޓްވީޓްކުރައްވާފައެވެ.
މި މައްސަލައިގައި މާލޭ ސިޓީ ކައުންސިލުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ. މިކަމާއި ގުޅިގެން އާންމުންގެ ތެރެއިން ގިނަ ފަރާތްތަކުން ދަނީ މިއީ ކޮރަޕްޝަނަށް މަގުފަހިވާފަދަ އަމަލެއްކަމަށްބުނެ ޝަކުވާ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް