އެމެރިކާގެ ޚާރިޖިއްޔާގެ އިސް ބޭފުޅުންނާއި ޝާހިދު ބައްދަލުކުރައްވައިފި
އދގެ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެމެރިކާގެ ޚާރިޖިއްޔާގެ އިސް ބޭފުޅުންނާއި ރޭ ބައްދަލުކުރައްވައިފިއެވެ.
މިނިސްޓަރ ޝާހިދު ވަނީ ސްޓޭޓް ޑިޕާޓްމަންޓްގެ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް ޑޭވިޑް ހޭލް އާއި އެކްޓިންގ އެސިސްޓަންޓް ސެކްރެޓަރީ ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިއާ އެލައިސް ވެލްސްއާއި ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އިންޑިއާ ކަނޑުގެ ސަލާމަތާއި ސުލްހައިގެ މުހިއްމުކަމާއި، ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ މައްޗަށް މަޝްވަރާކުރެވުނުކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖޭގައި ޑިމޮކްރަސީ ވަރުގަދަކުރުމާއި، އިޤްތިޞާދީ ތަރައްޤީގެ އިތުރުން ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރުމުގައި އެމެރިކާގެ އެހީތެރިކަން ދިނުމާއި ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.
މިއަހަރު މީގެ ކުރިން 2 ފަހަރެއްގެ މަތިން މިނިސްޓަރ ޝާހިދު ވަނީ އެމެރިކާގެ ޚާރިޖިއްޔާގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. އަދި ފާއިތުވި 7 އަހަރުތެރޭ ފުރަތަމަ ފަހަރަށް އެމެރިކާގެ ޚާރިޖީ ވަޒީރެއްގެ ދައުވަތަކަށް ދިވެހި ޚާރިޖީ ވަޒީރަކު ކުރެއްވި ދަތުރުފުޅުގައި އެމެރިކާއަށް ވަޑައިގެން، އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯއާއި މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. މިނިސްޓަރ ޝާހިދު ނިއުޔޯކަށް ވަޑައިގެންފައިމިވަނީ އދގެ އާއްމު މަޖިލީހުގައި ތަޤްރީރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް