ލައިފްޖެކެޓް އެޅުވުމަކީ ކެޕްޓަންގެ ޒިންމާއެއް: ޓްރާންސްޕޯޓް
މޫސުން ގޯސްވާ ހާލަތްތަކުގައި ދަތުރުުކުރާއިރު، ދަތުރުވެރިންގެ ގައިގައި ލައިފްޖެކެޓް އެޅުވުމަކީ އެ އުޅަނދެއްގެ ކެޕްޓަންގެ ޒިންމާއެއްކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީން މިހެން ބުނެފައިވަނީ މިރޭ ނެރުނު ބަޔާނެއްގައެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އާދަޔާ ހިލާފަށް ވައިބާރުވެ ގަދަ ވިއްސާރަކުރާ ދުވަސްތަކުގައި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދަތުރުކުރުމަކީ ހިތާާމަވެރި އަދި ނުރައްކާތެރި ހާލަތެއް ދިމާވެދާނެ ކަމެއްކަމަށެވެ. އެހެންކަމުން ސަލާމަތީ ކަންކަމަށް އިސްކަންދީ އެފަދަ ހާލަތްތަކުގައި ދަތުރު ނުކުރުމަށް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.
އަދި އުޅަނދުފަހަރުގައި ދަތުރުކުރާއިރު އެދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފަސިންޖަރުން ލައިފްޖެކެޓް އެޅުވުމަކީ ކެޕްޓަންގެ ޒިންމާއެއްކަންވެސް މި ބަޔާނުގައި ވަނީ ހަނދާންކޮށްދީފައެވެ.
މި ބަޔާނުގައި އިތުރަށްވަނީ ދަތުރު ފެއްޓުމުގެ ކުރިން ކަނޑު އުޅަނދުފަހަރުގެ ފަޅުވެރިންނާއި ކެޕްޓަނުން ސަމާލުކަން ދޭންވީ ކަންކަންވެސް ހިމަނާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
ފަސިންޖަރުން އުޅަނދަށް އަރުވާފައިވަނީ އެކަށީގެންވާ މިންވަރަށްތޯ ޔަގީންކުރުން.
ލައިފް ޖެކެޓް އަޅުވަން ޖެހޭ ގޮތް ބުނެދީ، ފަސިންޖަރުން ލައިފްޖެކެޓް އެޅުވުން.
އުޅަނދުގައި ސަލާމަތީ ކަންކަން ފުރިހަމަވެފައިވޭތޯ ޔަގީން ކުރުން.
މުވާސަލާތީ އާލާތްތައް ދަތުރުކުރާ ހުރިހާ ވަގުތެއްގައި ބޭނުން ކުރެވޭ ގޮތަށް އެ އާލާތްތައް ހުޅުވާފައި ހުރުން.
ދަތުރަށް ބޭނުންވާވަރަށް ތެލާއި، ހަކަތަ އަދި ފެން ހުރި ކަން ކަށަވަރު ކުރުން.
ސަލާމަތާއި ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވޭތޯ ބެލުން.
މުސުމާ ގުޅޭ މައުލޫމަތު ކަމާގުޅުން ހުރި ފަރާތްތަކުން ހޯދުމަށްފަހު، މޫސުމަށް ބަލައިގެން ދަތުރުކުރުން.
ފަސިންޖަރުން ތިބީ އެކަށީގެންވާ ރައްކާތެރިކަމެއްގައިކަން ކަށަވަރުކުރުން.
ފަސިންޖަރުންގެ މެނިފެސްޓް ބެލެހެއްޓުން، މިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް