މިތިބީ އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދިނުމަށް ކަމަރުބަނދެގެން: އަދުރޭ
މިތިބީ އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުޞަތު ނުދިނުމަށްޓަކައި ކަމަރު ބަނދެގެންކަމަށް ޕީއެންސީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ މިރޭ އޮތް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ އިފްތިތާހީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެބޭފުޅާ ވިދާޅުވީ ޕީއެންސީގެ މައިގަނޑު މަގުސަދަކީ ސައްތައިން ސައްތަ މުސްލިމު، މިނިވަން، މުސްތަގިއްލު ދިވެހި ޤައުމެއް ބިނާކުރުންކަމުގައެވެ. އަދި އެޕާޓީން މިތިބީ މި ފަސްގަނޑުން މާތްވެގެންވާ އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުޞަތު ނުދިނުމަށްޓަކައި ކަމަރު ބަނދެގެންކަމަށް އަބްދުއްރަހީމް ވަނީ ފާހަގަކުރައްވާފައެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ޕީއެންސީއާއި ޕީޕީއެމްއަކީ ދިވެހި ގައުމު ސަލާމަތްކުރާނެ ލަޝްކަރު ކަމަށާއި، ދެޕާޓީން ގުޅިގެން މަސައްކަތްކުރާނެކަމަށެވެ.
"އަޅުގަނޑުމެން މިހާރު އުފެއްދުމަށް މި މަސައްކަތް ކުރަމުންދާ ކޮންގްރެސް ޕާޓީއާއި މި ވަގުތު ރައީސް ޔާމީން ރައީސްކަން ކުރައްވަމުންދާ ޕީޕީއެމް ދާނީ ވަރަށް ގުޅިގެން އެކީ އެއް ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ގޮތަށް ވަރަށް ސާބިތުކަމާ އެކީގައި"، އެބޭފުޅާ މިރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށްވަނީ އެ ޕާޓީގެ ފިކުރަކީ ރައީސް ޔާމީންގެ ފިކުރުކަމަށާއި ޕާޓީން ދަމަހައްޓާނީ ރައީސް ޔާމީންގެ ސިޔާސަތުކަމަށް ބަޔާންކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް