އަނެއްކާވެސް ލަންކާގެ މަސްބޯޓެއް އަތުލައިގެންފި
ޏ.ފުވައްމުލަކުގެ އިރުން 10 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ ލަންކާގެ މަސްބޯޓެއް ދިވެހި މަސްދޯންޏެއްގެ ބެލުމުގެ ދަށަށް ގެނައުމާ ގުޅިގެން އެމްއެންޑިއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުން ހަތް މީހުންނާއެކު ދަތުރުކުރަމުން ދިޔަ ލަންކާގެ މަސްބޯޓެއް ފެނިގެން، ދިވެހި މަސްދޯންޏަކުން އެ ބޯޓް ހިފެހެއްޓިކަމުގެ މަޢުލާމާތު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބިފައި ވަނީ މިއަދު 11:25 ހާއިރުއެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބުމާކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓް ކްރާފްޓް "ދޮށިމޭނާ" ވަނީ ހަރަކާތްތެރިވާން ފަށާގައެވެ. މިބޯޓް މިހާރު ދަތުރުކުރަމުން ދަނީ ގއ. ކަނޑުހުޅުދޫއަށެވެ.
މިގޮތަށް ދަތުރުކުރާ އުޅަނދު ފަހަރު މަސްވެރިން ނުހިފެހެއްޓުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި މިފަދަ ޝައްކު ކުރެވޭ ބޭރުގެ އެއްވެސް އުޅަނދެއް ފެނިއްޖެނަމަ ލަސް ނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑު ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވައި ރިޕޯޓް ކުރުމަށް ވެސް ވަނީ އެދިފައެވެ. މިމައްސަލަ އިތުރަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ތަޙްޤީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް