ޖަޕާނުން ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ ވަސީލަތްތައް ރާއްޖެއަށް ދެނީ
ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ ވަސީލަތްތައް ދިވެހިރާއްޖެއަށް ހަދިޔާކުރުމަށް ޖަޕާނު ސަރުކާރުން ނިންމައިފިއެވެ.
މި ވަސީލަތްތައްވަނީ އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ރާއްޖެއަށް ހަދިޔާކުރާ ތަކެތީގެ ލިސްޓްގައި ހިމަނާފައެވެ. މި ލިސްޓް ވަނީ މިއަދު ރާއްޖެއަށް ހަވާލުކޮށްފައެވެ.
މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި އޮތް ރަސްމިއްޔާތެއްގައި މިލިސްޓް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ޙަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.
ދިވެހިސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ސޮއެކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާއީ ތަރައްޤީއަށް 500 މިލިއަން ޖަޕަނީޒް ޔެންގެ ހިލޭ އެހީ ޖަޕާނުން ދިވެހިރާއްޖެއަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއެހީގެ ދަށުން ޖަޕާނުން ހަދިޔާކުރުމަށް ނިންމާފައިވަނީ ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ ވަޞީލަތްތަކާއި، ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ޤާބިލްކަން އިތުރުކުރުމަށް ބޭނުންވާ ބައެއް ވަޞީލަތްތަކެވެ.
ޖަޕާނަކީ އަބަދުވެސް ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާ ތަރައްޤީކުރުމަށް އެހީތެރިވެދޭ، ތަރައްޤީގެ މުހިއްމު ބައިވެރިއެކެވެ.
ފޮރިން މިނިސްޓްރީގައި މިއަދު އޮތް މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއާއި މާލޭގައި ހުންނަ ޖަޕާން އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް