އެމްޑީޕީ ހަރުގެއަށް ގެއްލުންދިން މައްސަލަ ފުލުހުން ބަލަން ފަށައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އިދިކޮޅު އެންމެބޮޑު ޕާޓީ، އެމްޑީޕީގެ މައި ހަރުގެއަށް ގެއްލުންދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ރޭ ދަންވަރުގެ ވަގުތެއްގައި ބަޔަކު ވަނީ އެމްޑީޕީގެ ހަރުގޭގެ މައި ގޭޓަށް ގެއްލުންތަކެއް ދީފައެވެ. މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ، ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގެއަށް ގެއްލުންދިންކަމުގެ ރިޕޯޓެއް ރޭ ދަންވަރު 01.30 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ހަރުގެއަށް ދިން ގެއްލުންތަކަށް ބަލާއިރު، ހަރުގެ ގޭޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މީހަކު އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އެމީހަކީ މ.ސްޓާ އުމުރުން 49 އަހަރުގެ މުހައްމަދު ރަޒީންނެވެ.
މި މައްސަލައިގެ ތަހްގީގް މިހާރު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމްޑީޕީ ހަރުގެއަށް ގެއްލުންތަކެއް ދީފައިމިވަނީ އެޕާޓީއަށް 20 އަހަރު ފުރުމާ ގުޅިގެން އިއްޔެ ހަވީރު ހުޅުމާލޭގައި ހިނގާލުމެއް ބާއްވާފައިވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް