"ލޮސް އެންޑް ޑެމޭޖް" ނިޒާމަކީ ހަމައެކަނި ލިޔެވިފައިވާ ފޮޅުވަތްތަކަކަށް ވެގެން ނުވާނެ: ހުސައިން ރަޝީދު
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ އިޔާދަ ނުކުރެވޭނެ ގެއްލުންތަކަށް ހައްލެއް ހޯދުމަށް ގާއިމު ކުރެވިފައިވާ ބައިނަލްއަގުވާމީ "ލޮސް އެންޑް ޑެމޭޖް" ނިޒާމަކީ ހަމައެކަނި އެއްބަސްވުމުގައި ލިޔެފައިވާ ފޮޅުވަތަކަކަށް ވެގެން ނުވާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހުސައިން ރަޝީދު މިފަދައިން ވިދާޅުވީ، ސްޕެއިންގެ މެޑްރިޑްގައި މިހާރު ކުރިއަށްދާ، މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ އަހަރީ ބައްދަލުވުން، ''ކޮޕް 25'' ގައި ރޭ ދެއްވި ތަގުރީރުގައެވެ.
ހުސައިން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ އިޔާދަ ނުކުރެވޭނެ ގެއްލުންތަކަށް ހައްލެއް ހޯދުމަށް ގާއިމު ކުރެވިފައިވާ ބައިނަލްއަގުވާމީ "ލޮސް އެންޑް ޑެމޭޖް" ނިޒާމަކީ ހަމައެކަނި އެގްރީމަންޓުގައި ލިޔެފައިވާ ފޮޅުވަތަކަކަށް ވެގެން ނުވާނެ ކަމަށެވެ.
ބަދަލުގައި އެނިޒާމު ތަންފީޒުކުރުމަށް އެންމެން އެއްބަސްވާން އެބަޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެންމެންގެ ހައްގުގައި އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވަމުންދާ ކާރިސާތަކާއި ކުރިމަތިލުމުގައި މިނިޒާމުގެ މަސައްކަތް، ލަސްވުމެއްނެތި އަވަސް ކަމާއެކު ތަންފީޒު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އެކުލަވާލި ޕެރިސް އެގްރީމަންޓް، އަމަލީގޮތުން ތަންފީޒުކުރުމަށް، މާލީ އެހީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ބޭނުންވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ހުސައިން ވިދާޅުވި ގޮތުގައި، މާލީ އެހީތައް ނުލިބި އެމްބިޝަން އިތުރު ކުރުމަކީ އެއްވެސް މާނައެއް ނެތް ކަމެކެވެ. އެކަމަށް ބޭނުންވާ ފައިސާގެ މަދު މިންވަރެއް މެނުވީ އަދިވެސް ހަމަޖެހިފައި ނުވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް