ފޭސްތިނަކުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކުރަން ފަށައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން ގެވަޅުތައް ކަށަވަރުވި ފަރާތްތަކަށް ބިންތައް ހަވާލު ކުރަން ފަށައިފި އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ބުނީ ހުޅުމާލެ ފޭސް ތިނަކުން ދޫކުރާ ގޯތިތަކުގެ އިން ވަކިކޮށް ގޯތިތައް ހަވާލުކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން ގޯތި ލިބުނު ބައެއް މީހުންނަށް ވަނީ މިއަދު ރަޖިސްޓަރީ ހަވާލުކޮށްފަ އެވެ.

ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކުރިއަށްގެންދިޔަ ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ނިމިފައިވަނީ، މިއަހަރުގެ ޖެނުއަރީމަހުގެ ފަހުކޮޅެވެ. ސަރުކާރުން ބުނެފައިވަނީ ފޭސް ތިނަކުން 1،351 ގޯތި ދޭން ނިންމައިފައިވާކަމަށެވެ.

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 24 ވަނަ ދުވަހުއެވެ. މި މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު އެންމެފަހުން މި މަސައްކަތް ފަށާފައިވަނީ ނޮވެމްބަރުމަހުގެ 10 ވަނަ ދުވަހު އެވެ.

ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މި މަސައްކަތް ކޮށްފައިވަނީ ބިންހިއްކުމުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއްކުންފުނި، ނެދަލޭންޑްސްގެ ބޮސްކާލިސްގެ ޑްރެޖަރެއް ގެނެސްގެންނެވެ. އެއީ 22,000 ސީބީއެމްގެ ޑްރެޖަރެކެވެ.

މި ސަރުކާރުން ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލިއިރު، ކުރީ ސަރުކާރުން ފޭސް ތިނަކުން ގެވަޅުތައް ދީފައިވަނީ ބިން ނުހިއްކަނީސް ފަޅުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް