ހޮސްޕިޓަލުތަކުގެ އޭސީގެ ހާލަތު ރަނގަޅެއް ނޫން- މިނިސްޓަރު އަމީން
ހޮސްޕިޓަލުތަކުގެ އެއާކަންޑިޝަންގެ ހާލަތު އޮތީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެހެން ވިދާޅުވީ، އެމިނިސްޓްރީގެ ބައެއް މަސައްކަތްތައް ބަޔަކާ ހަވާލު ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިނިސްޓަރު ވިދާޅުވީ އެއާކަންޑިޝަންތަކުގެ ހާލަތު "ހޮސްޕިޓަލް ގްރޭޑް "ގެ މިންގަނޑަށް ފެއްތުމަށްޓަކައި ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ.
އަދި އެކަމަށް ވަރަށް ބޮޑު ހަރަދެއް ސަރުކާރުން ކޮށްގެން ހޮސްޕިޓަލްތަކުގެ އެއާކޮންޑިޝަންގެ ހިދުމަތްތައް ބަދަލު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިއަދު ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ލ،ގަމު ރީޖަނަލް ހޮސްޕިޓަލާއި ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ހޮސްޕިޓަލް ގްރޭޑްގެ ނިޒާމަކަށް ބަދަލު ކުރުމަށްޓަކައި ކުރެވޭ ވަރަށް އަގުބޮޑު މަސައްކަތްތަކެއް ފެށިގެންދިޔަކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ރަށްރަށުން ކަރަންޓު ކެނޑޭއިރު، ހޮސްޕިޓަލުތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"މީގެ ސަބަބުން ބަލި މީހުންނަށް ދެވޭ ފަރުވާގެ ހިދުމަތާ، ހޮސްޕިޓަލުތަކުގައި ދާއިމީ ގޮތެއްގައި ފަރުވާ ކުރާ ފަރާތްތަކާ އަދި ހޮސްޕިޓަލުން އެކި ކަންކަމުގައި ހިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ ހިދުމަތަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ." މިނިސްޓަރު ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރު އިތުރަށް ވިދާޅުވީ އުމްރާނީ ގޮތުން ސިއްހީ ހިދުމަތް އާ ހަރުފަތަކަށް ގެންދިއުމުގެ އަމަލީ މަސައްކަތް ފެށިގެން ދިޔަތަން މިހާރު ފެނިގެންދާނެ ކަމުގައެވެ.
"އަޅުގަނޑު އުއްމީދު ކުރަން މި ގެނެވޭ ބަދަލުތަކާއެކީ ރައްޔިތުންނަށް ވަރަށް ބޮޑު ހިދުމަތްތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރަން" މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް