ޕީޕީއެމް/ޕީއެންސީގެ ފިކުރާއި އެކު ނުދާނަން: އަލީ ވަހީދު
ޕީޕީއެމް ނުވަތަ ޕީއެންސީގެ ފިކުރާއި އެކު ކުރިއަށްވަޑައި ނުގަންނަވާނެކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނާއި ގުޅިގެން މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ނިންމެވި ނިންމެވުމަށް ނުސީދާާކޮށް ފާޑުވިދާޅުވަމުން ކުރެއްވި ޓްވީޓެއްގައެވެ.
މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މާތްﷲ ގަންދީ ހުވާކޮށްގެން އެބޭފުޅާ ހުންނެވީ ދިވެހި ރައްޔިތުންނަށާއި، ދިވެހި ގައުމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އިޚްލާސްތެރިކަމާއި އެކު ވަފާތެރިވުމަށްޓަކައި ކަމަށެވެ.
އަދި އެމްޑީޕީއާއި އިސްލާހީ މަސައްކަތުގައި ގުރުބާންވި ޖޭޕީ، އަދާލަތު ޕާޓީ އަދި އެމްއާރްއެމްގެ މީހުން ދޫކޮށް ޕީޕީއެމް އަދި ޕީއެންސީގެ ފިކުރާއި އެކު ނުދާނެކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.
އެބޭފުޅާ އިތުރަށް ވަނީ ސަރުކާރު ދިފާއުކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ކެނޑިޑޭޓުންތަކަކަށް ތާއިދުކުރެއްވުމަށް ގާސިމް ނިންމެވި ނިންމެވުމަށް ޖޭޕީގެ ގިނަ އިސް ފަރާތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން އެންވަޔަރަމެންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދުވެސް ވަނީ އަސްލު ޖޭޕީގެ މީހުން ޕީީޕީއެމްއަކަށް ވޯޓު ނުލާނެކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް