ޔުނިވަރސިޓީ އޮފް ޓޯކިޔޯގެ ދަރިވަރުން ތަޢުލީމީ އަދި ޘަޤާފީ ޕްރޮގްރާމެއްގައި އެމްއެންޔޫއަށް ޒިޔާރަތްކޮށްފި
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޖަޕާނުގެ މަޝްހޫރު ޔުނިވަރސިޓީ އޮފް ޓޯކިޔޯއާ ދެމެދު އެއް ދުވަހުގެ ތަޢުލީމީ އަދި ޘަޤާފީ ބަދަލުކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް 2026 ސެޕްޓެމްބަރު 6 ވީ ދުވަހު ބާއްވައިފިއެވެ. މި ޕްރޮގްރާމަކީ ދެ ޔުނިވަރސިޓީގެ ދަރިވަރުންގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމާއި، އެކަކު އަނެކަކުގެ ކިބައިން އުނގެނުމުގެ އިތުރުން ޘަޤާފީ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
އެމްއެންޔޫއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ޕްރޮގްރާމުގެ ތެރެއިން ޓޯކިޔޯ ޔުނިވަރސިޓީގެ ކޮންމެ ދަރިވަރަކާ އެކު އެމްއެންޔޫގެ ދަރިވަރަކު ޕެއަރކޮށް، ސީދާ ގޮތެއްގައި ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދެވުނެވެ. މިގޮތުން، ރާއްޖޭގެ ތާރީޚާއި، ޘަޤާފަތާއި، އިޖުތިމާޢީ ޙާލަތުގެ އިތުރުން، ކުދި ޖަޒީރާ ޤައުމެއްގެ ގޮތުގައި ރާއްޖެއަށް ކުރިމަތިވެފައިވާ ނާޒުކު ގޮންޖެހުންތަކާ ގުޅޭގޮތުން ލެކްޗަރުތަކާއި މަޝްވަރާ ސެޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ސެޝަންތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ފުރުޞަތުތަކާއި ގޮންޖެހުންތަކުގެ އިތުރުން ތިމާވެށްޓާއި ތަރައްޤީގެ މާޙައުލު ރަނގަޅަށް ދެނެގަތުމުގެ ފުރުޞަތު ޒިޔާރަތްކުރި ދަރިވަރުންނަށް ލިބިގެންދިޔައެވެ. އަދި ދަރިވަރުންގެ މެދުގައި އޮތް ގުޅުމުގެ ސަބަބުން ތަފާތު ޘަޤާފަތްތަކަށް ލޯހުޅުވިގެން ދިޔައެވެ.
މީގެއިތުރުން، ޓޯކިޔޯ ޔުނިވަރސިޓީގެ ދަރިވަރުން ވަނީ އެމްއެންޔޫގެ އެކި ފެކަލްޓީތަކަށް ޒިޔާރަތްކޮށް، އެ ޔުނިވަރސިޓީގެ ތަޢުލީމީ މާޙައުލާއި ކިޔަވައިދޭ ދާއިރާތައް ބަލައިލާފައެވެ. އަދި ވިލިނގިލީގައި ހުންނަ އެމްއެންޔޫގެ ފެކަލްޓީ އޮފް މެރިޓައިމް ސްޓަޑީޒްއަށް ފެރީގައި ދަތުރުކޮށް، ރާއްޖޭގެ ރަށެއްގެ މާޙައުލު ތަޖުރިބާކޮށްލުމުގެ ފުރުޞަތުވެސް އެ ދަރިވަރުންނަށް ވަނީ ދީފައެވެ.
މި ޕްރޮގްރާމަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ތަޢުލީމީ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ތަޖުރިބާގެ އަލީގައި އުނގެނުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެމްއެންޔޫއިން ކުރަމުންދާ މަސައްކަތްތަކުގެ ހެއްކެކެވެ. މީގެ އިތުރުން މި ޕްރޮގްރާމްގެ ސަބަބުން އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސްޑީޖީ) ކަމަށްވާ، ފެންވަރު ރަނގަޅު ތަޢުލީމު (ލަނޑުދަނޑި 4)، ދެމެހެއްޓެނިވި ރަށްތަކާއި މުޖުތަމަޢުތައް (ލަނޑުދަނޑި 11)، ޞުލްޙައާއި ޢަދުލުއިންޞާފު އަދި ވަރުގަދަ މުއައްސަސާތައް (ލަނޑުދަނޑި 16)، އަދި ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ޕާޓްނަރޝިޕް ޤާއިމުކުރުން (ލަނޑުދަނޑި 17) ހާސިލުކުރުމަށް އެހީތެރިވެދެއެވެ.
އެމްއެންޔޫއިން ބުނި ގޮތުގައި މިފަދަ ހަރަކާތްތަކުގެ ޒަރީޢާއިން ބައިނަލްއަޤްވާމީ އެއްބާރުލުމާއި، ޘަޤާފީ ދެނެގަތުމާއި، މަޢުލޫމާތު ބަދަލުކުރުން ކުރިއެރުވުމަށް އެ ޔުނިވަރސިޓީން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް