މުސާރައިގެ އާ އޮނިގަނޑަށް އަންނަ އަހަރު އަމަލުކުރަނީ
ދައުލަތުގެ މުސާރައިގެ އައު އޮނިގަނޑަށް އަންނަ އަހަރުތެރޭގައި އަމަލުކުރަން ފަށާނެކަމަށް ނެޝަނަލް ޕޭ ކޮމިޝަނުން ބުނެފިއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރިޔާސަތު ބަލަހައްޓަވާ ނެޝަނަލް ޕޭ ކޮމިޝަނުން މިއަދު ބުނީ ދައުލަތުގެ މުސާރައިގެ އާ އޮނިގަނޑު އެކުލަވާލާނީ ދައުލަތުގެ އިދާރާތަކުގެ މިހާރު އަމަލުކުރަމުންދާ މުސާރައިގެ އޮނިގަނޑުތަކާ ގުޅޭގޮތުން އެ ކޮމިޝަނުން ކޮށްފައިވާ ދިރާސާތަކުގެ އަލީގައާއި ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްއަށް ރިއާޔަތްކޮށްކަމަށެވެ.
އަދި މުސާރައިގެ އައު އޮނިގަނޑު އެކުލަވާލާއިރު ދައުލަތުގައި ހިމެނޭކަމަށް ފާހަގަކުރެވިފައިވާ 96 ފަންނުތަކުގެ ގިންތިތަކާއި ފަންތިތަކާއި ޝަރުތުތައް ކަނޑައެޅުމަށްފަހު، އެއިން ކޮންމެ ފަންނެއްގެ މުސާރަތައް ހިމެނޭނެކަމަށް ޕޭ ކޮމިޝަނުން ބުނެއެވެ.
މުސާރައިގެ އައު އޮނިގަނޑުގެ އިތުރުން، ދައުލަތުގެ މުވައްޒަފުންނަށް މިހާރު ދެމުންދާ އެލަވަންސްތައް އެއްހަމަކުރުމުގެ ގޮތުން، ދައުލަތުގެ މުވައްޒަފުންނަށް ދެވޭނެ އެލަވަންސްތަކާއި އެ އެލަވަންސްތަކުގެ ހަމަތަކާއި މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ޕޭ ކޮމިޝަނުން ބުނެއެވެ. އަދި އެލަވަންސްތަކުގެ ތަފްސީލްވެސް މުސާރައިގެ އޮނިގަނޑާއެކު އާންމުކުރާނެކަމަށް އެކޮމިޝަނުން ބުންޏެވެ.
ކޮމިޝަނުން ބުނިގޮތުގައި ދައުލަތުގެ އިދާރާތަކުގައި ހިމެނޭ ފަންނުތައް ގްރޫޕްކުރުމަށްފަހު އެކުލަވާލާފައިވާ ''މޯލްޑިވްސް ޕަބްލިކް ސާވިސް ޖޮބް ފެމެލީ މޮޑެލް'' އެކޮމިޝަންގެ ވެބްސައިޓުގައި މިހާރު ޝާއިއު ކޮށްފައިވާ ކަމަށެވެ.
އަދި ''މޯލްޑިވްސް ޕަބްލިކް ސާވިސް ޖޮބް ފެމެލީ މޮޑެލް'' ގައި ހިމެނޭ ފަންނުތަކުގެ ގިންތިތަކާއި ފަންތިތަކާއި ޝަރުތުތައް ކަނޑައެޅުމަށް ކޮމިޝަނުން ކުރާ މަސައްކަތްތައް މިހާރަށް ވުރެ ހަލުވިމިނެއްގައި ކުރިއަށް ގެންދިއުމަށް މިމަހު 19 ގެ ކުރިން ދައުލަތުގެ އިދާރާތަކުން މިހާރު ބޭނުންކުރަމުން އަންނަ ގިންތިތަކާއި ފަންތިތަކާއި ޝަރުތުތައް ހިމެނޭ އޮނިގަނޑު އެ ކޮމިޝަނަށް ފޮނުވައި ދިނުމަށް ކޮމިޝަނުން އެދެއެވެ.
ޕޭ ކޮމިޝަނުން ބުނީ ދައުލަތުގައި ހިމެނޭކަމަށް ފާހަގަކުރެވިފައިވާ 96 ފަންނުތަކުގެ ގިންތިތަކާއި ފަންތިތަކާއި ޝަރުޠުތައް ކަނޑައަޅާނީ އެއިން ކޮންމެ ފަންނެއްގެ ގިންތިތަކާއި ފަންތިތަކާއި ޝަރުޠުތަކާބެހޭ ގޮތުން މަޝްވަރާކުރުމަށްފަހުކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް