ޖާބިރު ބޭނުންފުޅުވަނީ ސިއްހީ ބޭނުމަށް ރާއްޖޭގައި މެރުއާނާ ހުއްދަކުރަން!
ސިއްހީ ބޭނުންތަކަށް ދިވެހިރާއްޖޭގައި މެރުއާނާ ހުއްދަކުރުމާއި ބެހޭގޮތުން ޑީއާރްޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ސުވާލުކުރައްވައިފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖާބިރު މި ސުވާލު ކުރިމަތިކުރައްވާފައިވަނީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން އަބްދުﷲ އާއިއެވެ.
ޖާބިރު ވިދާޅުވީ ރާއްޖޭގައި ވަރަށް ބާރުގަދަ ޑްރަގް ބޭނުން ކުރަމުން އަންނަކަމަށާއި އެހެންކަމުން ލީގަލް މެރުއާނާ ނުވަތަ ސިއްހީ ބޭނުންތަކަށް މެރުއާނާ ބޭނުންކުރުން ރާއްޖޭގައި ހުއްދަކުރަން ނުވިސްނަވަނީ ކީއްވެތޯ ޖާބިރު ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އެއީ ދުނިޔޭގެ ކަންކޮޅުތަކުގައި ބޭހެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއްކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވީ އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ އެއްވެސް ކަމެއް ހުއްދައެއް ނުކުރެވޭނެކަމަށާއި ދިވެހިރާއްޖޭގައި ހުއްދަ ކުރެވޭނެ އެއްޗެއްސާއި ހުއްދަ ނުކުރެވޭނެ އެއްޗެހި ނިންމާނީ ރައްޔިތުންގެ މަޖިލީހުންކަމަށެވެ.
އަދި މަސްތުވާތަކެތީގެ ވަބާ އިން ރާއްޖެ ސަލާމަތް ކުރުމަށް ކުރަން ޖެހޭ ކަންކަން ރައްޔިތުންގެ މަޖިލީހުން ނިންމާ، އެކަންކަން ކަމާބެހޭ ފަރާތްތަކަށް އަންގަވާނެ ކަމަށް އުންމީދުކުރައްވާކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް