ހުޅުމާލެ އީދު އުފާ: ހުޅުމާލޭގައި ފާހަގަ ކުރި އެންމެ ކުލަގަދަ އީދު
ތަފާތު ގިނަ ހަރަކާތްތަކާ އެކު މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގެ ތައްޔާރީތައް އެޗްޑީސީ އިން ފެށީ ހުޅުމާލޭގައި ދިރިއުޅޭ އެތައްހާސް ރައްޔިތުންނަށް އުފާވެރި އެތައް އިޙްސާސް ތަކެއް ގެނެސްދޭނެކަމުގެ ފުރިހަމަ ޔަޤީންކަމާއެކުގައެވެ.
"މައި ހުޅުމާލެ އީދު އުފާ ޕަވާޑް ބައި ދިރާގު" ނަމުގައި ތިން ދުވަހަށް ބަހާލައިގެން ކުރިއަށްގެންދިޔަ އީދުގެ ހަރަކާތްތަކަކީ ދިވެހިންގެ މުއްސަނދި ސަގާފަތް ދައްކުވައިދޭ ތަފާތު ގިނަ ކަންތައްތަކާއި ކުޅިވަރުތަކާއެކު ޤައުމިއްޔަތުގެ ޖޯޝާ ރޫޙް އުފައްދައިދިން ކުލަގަދަ ހަރަކާތް ތަކެކެވެ.
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން މިއަހަރުގެ އަޟްހާ އީދުގެ ފޯރިގަދަ ހަރަކާތްތައް ހުޅުމާލޭގައި ރަސްމީކޮށް ފެށީ 2024 ޖޫން 15 ވީ ހޮނިހިރު ދުވަހުގެ ރޭގަނޑު، އީދު ވެދުމާދިމުގެ ފޯރިގަދަ އަދި ސަޤާފީ ހަރަކާތުންނެވެ. މިއީ ކާބަފައިންގެ ޒަމާނުގައި ދިވެހިންގެ މެދުގައި އޮތް ޒަމާންވީ އާދަކާދަ ދައްކުވައިދިން އީދުގެ ވަރަށް ޚާއްޞަ ހަރަކާތެކެވެ.

އީދުދުވަހުގެ އެންމެހައި އިވެންޓްތައް ފެށީ ހުޅުމާލޭ ފޭސް 1ގެ ސިންތެޓިކް ޓްރެކް އަދި ފޭސް 2ގެ ކްރިކެޓްސްޓޭޑިއަމްގައި ބޮޑުޖަމާޢަތުގައި ކުރެވުނު އީދު ނަމާދަށް ފަހުއެވެ. އަދި އީދު ނަމާދަށްފަހު ސިންތެޓިކް ޓްރެކުގައި ދިރާގު އީދު ބޮނޑިބަތް ބެހުމުގެ ވަރަށް ފުރިހަމަ އިވެންޓެއްވެސް ކުރިއަށް ގެންދިއައެވެ. މި އިވެންޓްގައިވެސް ހުޅުމާލޭގައި ދިރިއުޅޭ ކުދިބޮޑު ވަރަށްގިނަ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން، 16 އަދި 17 ޖޫން ގައި ކުރިއަށް ގެންދިޔަ އީދުގެ ޚާއްޞަ ހަރަކާތްތަކުގެ ތެރޭގައި، ދިވެހިންގެ ދުވަސްވީ ސަގާފަތް ދައްކުވައިދޭ ބޮޑު މަސް ދުއްވުމާއި، މާލި ޕެރޭޑު އަދި ކޯޑިކެޑުން ފަދަ ތަފާތު ހަރަކާތްތައް ވަރަށް ފޯރީގައި ކުރިއަށް ގެންދިއައެވެ. މީގެ އިތުރުންވެސް މި އީދު އުފާ ކުޅިވަރުތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރާއި ހަވާއެރުވުމުގެ ހަރަކާތްތައްވެސް ހުޅުމާލޭ ފޭސް 2 ގައި އެޗްޑީސީން އިސްނަގައިގެން ކުރިއަށް ގެންދިޔައެވެ.

ހަމަ މިއާއެކު، ދިވެހި ފަންނާނުންގެ ލައިވް މިއުޒިކް ހުށަހަޅައިދިން ދިރާގު އީދު ޝޯ އަކީ މި އީދުގެ ފޯރި އިތުރަށް ގަދަވެގެންދިޔަ އެއް ހަރަކާތެވެ. މި އީދު ހަރަކާތްތަކުގައި ބައިވެރިވެލެއްވި ޢާއްމު ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ނަސީބު ވެރިފަރާތަށް އީދު ހަދިޔާގެ ގޮތުގައި ޝީޝާ މޯލްޑިވްސްގެ ފަރާތުން 160 ސީސީ އެއާ ބްލޭޑް ސައިކަލެއް ވެސް ވަނީ ހަދިޔާކޮށްފައެވެ.

އެހެންކަމުން މި ހުރިހާ ތަފާތު އެކި ހަރަކާތްތަކާއެކު ކުރިއަށްގެންދިޔަ "މައި ހުޅުމާލެ އީދު އުފާ" އާ އެކު މިއަހަރުގެ އަޟްހާ އީދު ވެގެންދިޔައީ ވަރަށް ފޯރިގަދަ އީދަކަށެވެ. އަދި މި ފަހަކަށް އައިސް ހުޅުމާލޭގައި މިފަދަ ސަޤާފީ ކުޅިވަރުތަކާއެކު މިހާފޯރިގަދަކޮށް ޢީދެއް ފާހަގަކުރި މިއީ ފުރަތަމަ ފަހަރުވެސް މެއެވެ.
އެޗްޑީސީގެ އިސްނެގުމުގެ މަތިން ކުރިއަށް ގެންދިޔަ މި އީދު ފާހަގަކުރުމުގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ. އަދި ގޯލްޑް ސްޕޮންސަރެއްގެ ގޮތުގައި ޝީޝާ މޯލްޑިވްސްގެ އެހީތެރިކަން މި އިވެންޓަށް ލިބިފައިވާއިރު، އެޗްޑީސީގެ ފަރާތުން މި ދެކުންފުންޏަށް ވަނީ ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް