ބަނދަރާއި، މަގުހެދުމާއި، މިސްކިތް އެޅުންފަދަ ގިނަ މަޝްރޫއުތަކެއް ފަށައިފި: ރައީސް
ރާއްޖޭގެ 21 ރަށެއްގެ ބަނދަރުގެ މަސައްކަތް ނޮވެމްބަރުމަހުގެ ކުރިން ފަށާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުން ހިންގަމުން އަންނަ މަޝްރޫއުތަކަކީ ކޮބައިތޯ ސަންގު ޓީވީގެ ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ސޯލިހު ވިދާޅުވީ، ގިނަ މަޝްރޫއުތަކެއްގައި ސޮއި ކުރުމަަށް ތައްޔާރުވަމުން އަންނަ ކަމަށާއި، 6 ރަށެއްގެ ބަނދަރުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމުގައެެވެ.
" ނޮވެމްބަރު ނިމުމުގެ ކުރިން 21 ރަށުގެ ބަނދަރު އަޅުގަނޑުމެން ފަށާނަން." ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، މިހާރު ފަށައިގެން ކުރިއަށްދާ މަޝްރޫއުތަކުގެ އިތުރުން، މުހިންމު އެހެން މަޝްރޫއުތައް ފެށުމަށް އެކި ފަރާތްތަކަށް ކޮންޓްރެކްޓް ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން، ހަތަރު މިސްކިތެއްގެ މަސައްކަތް ފެށިގެން ކުރިއަށް އެބަދާ ކަމަށާއި، ހަރަށެއްގައި މަގު ހެދުމުގެ އަމަލީ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.
20 ރަށެއްގައި ފެނާ ނަރުދަމާގެ ހިދުމަތް ގާއިމު ކުރުމަށް ކޮންޓްރެކްޓް ކުރެވިފައިވާ ކަމަށާއި، އިތުރު 14 ރަށެއްގެ ފެނާ ނަރުދަމާ ގާއިމު ކުރުމަށް ކޮންޓްރެކްޓަރުންނާއެކު ސޮއިކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އަންނަ ނޮވެމްބަރުމަސްތެރޭގައި މަދުވެގެން 20 ރަށެއްގައި ފެނާ ނަރުދަމާގެ ހިދުމަތް ގާއިމު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ 12 ސްކޫލެއްގައި އިތުރު ކްލާސްރޫމްތަކެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ހަތަރު ސްކޫލެއްގެ ކްލާސްރޫމް އަޅަން ކޮންޓްރެކްޓު ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
"ނޮވެމްބަރުމަހުގައި ސްކޫލްތަކުގެ ޖުމްލަ 35 މަޝްރޫއުއެއް ފެށިގެންދާނެ" ރައީސް ސޯލިހު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ވިދާޅުވީ ރާއްޖޭގެ 67 ރަށެއްގައި 77 މަޝްރޫއެއް ފަށައިގެން ކުރިއަށްދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް