ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތެއް އަޅަނީ
ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތެއް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ މިހާރު ވިލާ ކޮލެޖްގެ އިމާރާތް ހުރިތަނުގެ ކުރިމަތީގައިވާ ހުސް ބިމުގައެެވެ.
ރާއްޖޭގެ އޮންލައިން މީޑިޔާއެއްކަމުގައިވާ "މިހާރު" އަށް މައުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު ވިދާޅުވީ ދަރުމަވަންތައިގެ އާ އިމާރާތުގެ ކުރެހުން މިހާރު ފައިނަލް ކޮށްފައިވާ ކަމަށާއި އިމާރާތުގެ މަސައްކަތްކުރާނެ ބަޔަކު ހޯދަން އިއުލާނުކުރުމަށް އަންނަ ހަފްތާގައި ޓެންޑާ ބޯޑަށް ފޮނުވާނެކަމަށެވެ.
އެމިނިސްޓްރީން އަމާޒުކޮށްފައިވަނީ 2022ވަނަ އަހަރުގެ ދިރާސީ އާ އަހަރު ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް ބޭނުންކުރެވެން ފެށުމެވެ. މި އިމާރާތް ޑިޒައިންކޮށްފައި ވަނީ 1000 ދަރިވަރުންނަށް އަމާޒުކޮށް ހަ ބުރިއަށެވެ.
މި އިމާރާތް އެޅުމާއި އެކު އެ ސްކޫލަކީ އެއް ދަންފަޅިއަކަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލުވެގެންދާނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ ކުރީގެ ދަރުމަވަންތަ ސްކޫލް ހުރި ބިމުގައި މަޖީދިއްޔާ ސްކޫލްގެ ކްލާސްރޫމްތަކެއް އެޅުމަށެވެ. މިހާރު ދަރުމަވަންތަ ސްކޫލް ހިންގަމުންދަނީ މެދުޒިޔާރަތްމަގުގައި ހަދާފައިވާ ވަގުތީ އިމާރާތެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް