ޖަރުމަނުވިލާތުން ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިހާރު އެގައުމަށް ކުރައްވާ ދަތުރުފުޅުގައި، އެމަނިކުފާނަށާއި އެމަނިކުފާނުގެ ވަފުދަށް ރަސްމީގޮތުން މަރުޙަބާ ދަންނަވައިފި އެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު ޖަރުމަނުގެ ރިޔާސީ ގަނޑުވަރު، ޝްލޮސް ބެލްވޫގަ އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ރައީސް ޝްޓައިންމަޔާ ވަނީ އެ ދެބޭފުޅުންގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފަ އެވެ.
އެއަށް ފަހު ދެ ގައުމުގެ ވަފުދުގެ ބޭފުޅުން ތައާރަފުކޮށްދެއްވައި، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވިއެވެ. މީގެ އިތުރުން މިރަސްމިއްޔާތުގައި ދެ ރައީސުން އެކުގައި ހަނދާނީ ފޮޓޯފުޅެއް ނެންގެވި އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް