ރާއްޖޭގައި އިންވެސްޓްކުރުމަށް ރައީސް ދައުވަތު ދެއްވައިފި
ދިވެހިރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުޞަތުތައް ތަޖުރިބާކޮށްލުމަށާއި ރާއްޖޭގައި އިންވެސްޓް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސްރީލަންކާގެ ވިޔަފާރިވެރިންނަށް ދައުވަތު އަރުވައިފިއެވެ.
ރާއްޖޭގައި އިންވެސްޓް ކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ސްރީލަންކާގެ ވިޔަފާރިވެރިންނަށް ދައުވަތު އަރުވާފައިވަނީ ސްރީލަންކާގެ މިނިވަން ދުވަސް ޝަރަފުވެރިކޮށްދެއްވުމަށް އެ ގައުމުގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ދެއްވި ދަޢުވަތަކަށް ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ފުރާމާނަ ދަތުރުފުޅުގައި ސްރީލަންކާގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު ޤާއިމުވެފައި އޮތް ވިޔަފާރީގެ ގުޅުން ވޭތުވެދިޔަ އަހަރުތަކުގައި ކުރިއަރާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުރިއަށްއޮތް ދުވަސްތަކުގައި ދެޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ރަނގަޅުކުރެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށެވެ. އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ސްރީލަންކާގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދައުވަތުދެއްވި އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ޤަބޫލުކުރައްވަނީ ޤައުމުގެ އިޤްތިޞާދު ފުޅާވެ ކުރިއަރަމުންދާނީ ޕްރައިވެޓް ސެކްޓަރ ނުވަތަ އަމިއްލަ ވިޔަފާރިތައް ކުރިއަރުވަން މަސައްކަތްތަކެއް ކޮށްގެންކަމުގައެވެ. އެހެންކަމުން އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައި ބޭރުގެ އިންވެސްޓަރުންނަށްވެސް ކުރިއަށްވުރެ ބޮޑަށް އިސްކަމެއް ދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާ ކުރިއަރަމުންދަނީ އުއްމީދީ މިންވަރެއްގައި ކަމަށާއި ދެ ގައުމުގެ އިޤްތިޞާދު ކުރިއަރަމުންދަނީ ވަރަށް އެއްގޮތް ކަންތައްތަކެއްގެ މައްޗަށްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ދެޤައުމުގެ އިޤްތިޞާދު ކުރިއަރަމުން ދަނީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާޢަތުންކަން ފާހަގަކުރައްވާފައިވެއެވެ. އެއާއެކު ދެ ޤައުމަށްވެސް ޤުދުރަތީ ކާރިސާތަކުގެ ސަބަބުންނާއި މޫސުމަށްއަންނަ ބަދަލުތަކުގެ ސަބަބުން އުދަގޫތަކެއް ކުރިމަތިވާކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެޤައުމަށް އެކުގައި ކުރިއެރުވޭނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމުގައި އެކުގައި މަސައްކަތްތަކެއް ކުރެވިދާނެކަން ފާހަގަކުރެއްވާފައިވެއެވެ.
މީގެއިތުރުން އިޤްތިޞާދު ކުރިއެރުވުމުގައްޔާއި ވިޔަފާރިތައް އިތުރުކުރުމުގައި ދެޤައުމަށްވެސް ފައިދާވާނެ ގޮތަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ސްރީލަންކާގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް