ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ސަރުކާރު މުވައްޒިފުންގެ މުސާރައަށް ބަދަލު ގެންނައިރު ކުރީން ލިބުނު މުސާރައަށް ވުރެ ކުޑަ މުސާރައެއް ލިބިގެން ނުވާނެ ކަމަށާ ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ހުރިހާ މުވައްޒިފުންނަށް ވެސް ލިބުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރަގްރާމްގައި އާންމުންގެ މީހަކު ފާޅުކުރި ކަންބޮޑުވުންތަކަކާއި ގުޅިގެންނެވެ. އައިޖީއެމްއެޗްގައި މަސައްކަތް ކުރާތާ ވަރަށް ގިނަަ ދުވަސްވީ މުވައްޒިފަކު ވަނީ މުސާރަ މުރާޖައަކުރުމުން ބައެއް މުވައްޒިފުންނަށް ގެއަށް ގެންދަން ލިބޭ ފައިސާ ކުރިއަށް ވުރެ މަދުކަން ފާހަގަކޮށްފަ އެވެ.
އެ ކަންބޮޑުވުމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އެކަން އެހެން ވެގެން ނުވާނެ ކަމަށެވެ. އަދި އެމަނިކުފާނު ވައުދުވެވަޑައިގެންނެވީ ކުރީން ލިބުނު މުސާރައަށް ވުރެ ބޮޑު މުސާރައެއް ލިބޭނެ ގޮތް ހަމަޖެއްސުމަށް ކަމަށް ވިދާޅުވި އެވެ.
ރައީސް ވަނީ އެ ކަންކަން ބައްލަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ފިނޭންސް މިނިސްޓްރީއާ ޕޭކޮމިޝަންގައި އެކަންބޮޑުވުންތައް ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް