"މަގޭ ހިޔާވެހި" ޕޯޓަލުގައި 9266 މީހުން ރަޖިސްޓްރީވެއްޖެ
ސަރުކާރުން ހިންގާ ހައުސިންގ ސްކީމްތަކަށް ފަސޭހައިން ފޯމް ހުށަހެޅުމަށް ތަރައްގީކުރި "މަގޭ ހިޔާވެހި" ޕޯޓަލްގައި މިހާތަނަށް ނުވަ ހާހަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
''ރާއްޖެ މިއަދު'' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު ވިދާޅުވީ، މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް "މަގޭ ހިޔާވެހި" ޕޯޓަލްގައި 9266 މީހަކު މީހުން ރަޖިސްޓްރީވެފައިވާކަމަށެވެ.
''މިއީ ސްކީމެއް އިޢުލާން ނުކުރަނިސް ރަޖިސްޓްރީވެފައިވާ މިންވަރު. މީގެން ރައްޔިތުންގެ ތަރުހީބު އޮތް މިންވަރު އެބަފެނޭ. އަޅުގަނޑު ޤަބޫލުކުރަނީ ސްކީމަކަށް ހުޅުވައިލާ ހިސާބުން ވިހި ހާހާއި ތިރީސް ހާހާއި ދެމެދުގެ މީހުން މި ޕޯޓަލަށް އިތުރުވާނެކަމަށް ބެލެވޭ.'' ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، މިއީ އިންސާފުވެރިކަމާއެކު ރައްޔިތުންގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބިގެންދާ ވަރަށް ބޮޑު ހިއްވަރެއް ކަމަށެވެ.
ޕޯޓަލްގައި ރަޖިސްޓްރީވާން ހުޅުވާލި ނަމަވެސް ހައުސިން ސްކީމަށް ކުރިމަތިލުމަށް އަދި ހުޅުވައިލާފައެއް ނުވެއެވެ.
ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. "މަގޭ ހިޔާވެހި" ޕޯޓަލް ރަސްމީކޮށް ލޯންޗްކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ އެގާރައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް