ބައިނަލްއަގްވާމީ މެރެތަން އެއްގައި ބައިވެރިވުމަށް މިލިންދް ސޯމަން ރާއްޖެ އަތުވެއްޖެ!
މިމަހުގެ ތެރޭގައި ހުޅުމާލޭގައި ބާއްވާ މޯލްޑިވްސް އިންޓަރނޭޝަނަލް މެރަތަންގައި ބައިވެރިވުމަށް އިންޑިޔާގެ މަޝްހޫރު މޮޑެލް، ފިލްމީތަރި އަދި ފިޓްނެސް ޕްރޮމޯޓަރ މިލިންދް ސޯމަން ރާއްޖެއަށް އަތުވެއްޖެއެވެ.
މިލިންދް ސޯމަންއާއި އޭނާގެ އަންހެނުން މިއަދު ހަވީރު ރާއްޖެއަށް އައުމުން، އެ ދެފަރާތަށް އެއަރޕޯޓުން މަރުހަބާ ކިޔާފައިވަނީ މި މެރެތަން އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުންނެވެ.
މޭޑް އިން އިންޑިޔާ ލަވައިގެ ވީޑިޔޯއިން އެތައް ބައެއްގެ ހިތްތައް ފަތަހަކުރި މިލިންދް އަކީ ދުޅަހެޔޮ ދިރިއުޅުމުގެ ކަންތައްތައް ޕްރޮމޯޓްކުރުމުގައި ވަރަށް އިސްސަފުގައި ހަރަކާތްތެރިވާ ފަރާތެކެވެ. އެގޮތުން މިލިންދް އަކީ އެތައް ގިނަ މެރެތަން އެއްގައި ދުވެފައިވާ ފަރާތެކެވެ. އަދި މިލިންދް ދަނީ ޕިންްކްތޮންގެ ނަމުގައި އިންޑިޔާގެ އެކި ކަންކޮޅުތަކުގައި އަންހެނުންނަށް ޚާއްސަ ކޮށްގެން ދުވުންތައް ބާއްވަމުންނެވެ.
މޯލްޑިވްސް އިންޓަރނޭޝަނަލް މެރަތަން އަކީ އެތުލެޓިކްސް އެސޯސިއޭޝަން މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ޓޫރިޒަމްގެ އެއްބާރުލުމާއި އެކު އައި-ރަނަރސް އާއި އޮބްޖެކްޓް ގުޅިގެން ބާއްވާ ދުވުމެކެވެ.
މި ދުުވުމުގެ ހަަރަކާތްތައް ކުރިއަށްދާނީ މި މަހުގެ 8 އަދި 9 ވަނަ ދުވަހުގައެވެ.
މި ދުވުމުގައި ހިމެނޭ މެރެތަން، ހާފް މެރެތަން އަދި 10 ކިލޯމީޓަރުގެ ދުވުން އޮންނާނީ މާޗު 8 ވަނަ ދުވަހު އެވެ. ފުލް މެރަތަން މެންދަމު 2 ޖަހާއިރު ފެށުމަށް ތާވަލުކޮށްފައިވާ އިރު، ހާފް މެރެރަން ފަށާނީ ފަތިހު 5:30 ގައެވެ. އަދި 10 ކިލޯމީޓަރުގެ ދުވުން ފެށުމަށް ނިންމާފައިވަނީ ހެނދުނު 6:30 ގައެވެ.
އަދި މި ދުވުމުގައި ހިމެނޭ 5 ކިލޯމީޓަރުގެ ދުވުން ފަށާނީ އެ ދުވަހުގެ ހަވީރު 16:30ގައެވެ.
މި ހަރަކާތުގެ ދަށުން ޢާއިލީ ތިން އިވެންޓެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިވެންޓްތަކާއި މޯލްޑިވްސް އިންޓަރނޭޝަނަލް މެރެތަން ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ 9 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް