ނައިފަރު ދާއިރާގެ ޒުވާނުން ކެނޑިޑޭޓުންގެ ބަހުސެއް ބާއްވައިފި
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނައިފަރު ދާއިރާގެ ކެނޑިޑޭޓުންގެ ޚާއްސަ ބަހުސެއް، އެރަށު ޒުވާނުންކޮޅެއް އިންތިޒާމްކޮށްގެން ބާއްވައިފިއެވެ.
ރޭ އެރަށު މަދަރުސަތުލް އިފްތިތާހުގެ ޖަލާލުއްދީން މާލަމުގައި ބޭއްވި މި ބަހުސްގައި އެ ދާއިރާއަށް ވާދަކުރައްވާ ހަތަރު ކެނޑިޑޭޓުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
ފޭސްބުކް ލައިވްކޮށް ކުރިއަށްގެންދިޔަ މި ބަހުސް ހުށައަޅާފައިވަނީ އެރަށަށް ނިސްބަތްވާ މަޝްހޫރު ޓީވީ ޕްރެޒެންޓަރ މޫސާ ވަސީމެވެ.
މި ބަހުސް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވި ފަރާތަކުން ވޮއިސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ބަހުސް އިންތިޒާމްކުރުމުގެ މަގްސަދަކީ އިންތިޚާބާއި މެދު ނައިފަރުގެ ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް ރައްޔިތުންލާ ވޯޓަކީ ޒިންމާދާރު އަދި އަމިއްލަ ނިންމުން ކަމުގައި ހެދުމަށް މަގުފަހިކުރުވުން ކަމަށެވެ.
އަދި މަޖިލީހަށް އިންތިޚާބުވާ ކެނޑިޑޭޓަކީ ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ ފަރާތަކަށް ވުމާއި އެކު ރައްޔިތުން އެކަަމަށް އަހުލުވެރިކުރުވުންެވެސް މި ބަހުސްގެ މަގްސަދުގެ ތެރޭގައި ހިމެނޭކަމަށް ވޮއިސްއަށް މައުލޫމާތު ދެއްވި ފަރާތުން ބުނެއެވެ.
މި ބަހުސަށް ނައިފަރުގެ ރައްޔިތުންެގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނުކަމަށް އިންތިޒާމުކުރި ފަރާތުން ބުނެއެވެ. އަދި މި ބަހުސަށް ރަށުގެ ގިނަ ފަރާތްތަކުން އެހީތެރިވެފައިވާތީ އެ ފަރާތްތަކަށް ވަނީ ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް