މިނިވަން ކޮޅުނބުގެ ޖައްވު ޖަޒީރާކޮށްލައިފި
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ފުރަމާނަ ދަތުރުފުޅެއްގައި ކޮޅުނބަށް ވަޑައިގަންނަވާކަމުގެ ޚަބަރު އިވުމާއި އެކުވެސް ފުރަތަމަ ޚިޔާލަށް އައީ އެމަނިކުފާނު ކޮޅުނބުގައި ތިބި ދިވެހިންނާއި ބައްދަލުކުރާނޭ ވާހަކައެވެ. އާންމުގޮތެއްގައި ހުރިހާ ރައީސުންވެސް، ރާއްޖެއިން ބޭރަށް ދަތުރެއް ކުރައްވާނަމަ އެގައުމުގައި ތިބި ދިވެހިންނާއި ބައްދަލުކުރައްވައެވެ.
ރައީސް ސޯލިހު ކޮޅުނބުގައި ތިއްބެވި ދިވެހިންނާއި ބައްދަލުކުރައްވާނެ ތަނާއި ތާރީޚު އިއުލާންކުރީ ސޯޝަލް މީޑިޔާ މެދުވެރިކޮށް، އެމްބަސީގެ ފަރާތުންނެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކޮޅުނބުގައި ބެހެއްޓުނު ދެ ވޯޓުފޮށިންވެސް ރައީސް ސޯލިހު ކުރިހޯއްދެވިއެވެ. ކުރުގޮަތަކަށް ދަންނަވަނީނަމަ، މިއީ ޖަޒީރާ ރާއްޖޭގެ ޖަޒީރާ ކޮޅުނބެވެ.
ރައީސުލްޖުމްހޫރިއްޔާ ދިވެހިންނާއި ބައްދަލުކުރައްވާ ދުވަސް އައިސް ޖެހުނީއެވެ. އަޅުގަނޑުވެސް ދާން ކިޔާފައި އޮތް ގަޑިއަށް ވަރަށް ނަލަހެދިލައިގެން އެމްބަސީއާއި ދިމާލަށް ދިޔައީމެވެ. ރައީސްގެ ބައްދަލުކުރުން ކަވަރކޮށްލައި، ރައީސުލްޖުމްހޫރިއްޔާއާއި ސަލާންގަލާންކޮށް ހެދުމަށެވެ.
އެމްބަސީއަށް ދެވުުނު އިރު، އެތަނުގައި ލައްކަ މީހުން އޮތެވެ. ޖަހާފައިވާ ހުދު ގޮނޑިތަކުގައާއި ކޮޅަށް ތިބެގެންވެސް އެންމެން އިންތިޒާރުކުރަމުންދިޔައީ ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނެ ގަޑިއަކަށެވެ. މިހެން ތިއްބާ، އެމަނިކުފާނު އަންނަ ވަގުތުގައި މޫސުން ސަކަރާތްވެއްޖެ ހާލަތެއްގައި ބައްދަލުވުން އެމްބަސީ އެތެރެއަށް ބަދަލުކުރާނެކަމަށް ބުންޏެވެ. އެވަގުތުގައި އެތަނުގައި ތިބި ބައެއް މީހުންގެ މޫނުމަތިން ކުލަވަރު ބަދަލުވިޔަސް، އެންމެން ކަހަލަ ގޮތަކަށް ތިބީ ރައީސް ދެކިފައި ނޫނީ ގެއަށް ނުދާށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމްބަސީގެ ބައްދަލުވުން އޮތްތަނަށް ވަޑައިގަތުމާއި އެކު އެންމެން ކޮޅަށްތެދުވެ އަތްތިލަބަޑި ޖެހިއެވެ. އެޖެންޑާގެ ދެތިންކަމަށްފަހުގައި އޮތީ އެމަނިކުފާނުގެ ވާހަކަފުޅެވެ. އެވާހަކަކޮޅުގައި އެޕްރީލްމަހުން ފެށިގެން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދަ ލިބޭނެކަމަށް ބުނުމުން އެމަނިކުފާނަށް ލިބުނު އަތްތިލަބަޑިން މުޅި ސަރަހައްދު ގުގުމާލާ ވަރުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅަށްފަހުގައި އޮތް ބިލަތްމީރުކޮށްލެއްވުމަށްފަހު އޮތީ ދުވަހުގެ އެންމެ ޚާއްސަބައެވެ. އެމަނިކުފާނު ލަންކާގައި އުޅުއްވާ ދިވެހިންނާއި ބައްދަލުކޮށް، ސަލާންގަލާން ކުރައްވައި ފޮޓޯ ނެންގެވުމެވެ. ސެލްފީ ރައީސްގެ ގޮތުގައި މަޝްހޫރުވެފައިވާ ރައީސް ސޯލިހުއާއި އެކު ފޮޓޯއާއި ސެލްފީ ނެގުމަށް ކިއުއެއް ދަމާލިއެވެ. ދަތުރުވަރުބަލިކަންމަތީ ހުންނެވިޔަސް، ރައީސް ވަނީ އެތަނުގައި ތިއްބެވި ގިނަ ދިވެހިންނާއި ސަލާންކޮށް، ފޮޓޯ އަދި ސެލްފީ ނަންގަވައި ހައްދަވާފައެވެ.
ރައީސް ސޯލިހުގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި، ކެބިނެޓްގެ ވަޒީރުންވެސް ވަނީ އާންމުންނާއި ސަލާންގަލާންކުރައްވާ އެކުގައި ފޮޓޯ ނަގާ ހައްދަވާފައެވެ. އެއްވެސް ޝަކުވާއެއް ނެތިއެވެ. އެފަރާތްތައް ދެއްކި ވާހަކަތަކަށް އަހައި، އެވާހަކަތަކަށް ހައްލު ގެންނާނެކަމަށް ވިދާޅުވެފައެވެ.
ހަމަތެދެކެވެ. މިިނިވަން ކޮޅުނބުގެ ޖައްވު އިއްޔެ ހަވީރު ޖަޒީރާކޮށްލައިފިއެވެ. އޯގާތެރި ކެބިނެޓެއްގެ ލާމަސީލު މިސާލަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް