ބަލޯޓެލީ އެނބުރި ޕްރިމިއާ ލީގަށް؟
ފްރާންސްގެ ނީސްއަށް ކުޅެމުން އަންނަ މާރިއޯ ބަލޯޓެލީ އެނބުރި އިނގިރޭސި ޕްރިމިއާ ލީގަށް އަންނަންއުޅޭ ކަމުގެ އަޑުތައް ގަދަވާން ފަށައިފިއެވެ.
ނީސްއިން ސަސްޕެންޑްކޮށްފައިވާ އުމުރުން 28 އަހަރުގެ ބަލޯޓެލީ ގަތުމަށް ނިއުކާސަލް ޔުނައިޓެޑުން ޝައުގުވެރިވާކަމަށް އިނގިރޭސި މީޑިއާތަކުންވަނީ ރިޕޯޓްކޮށްފައެވެ. ބަލޯޓެލީ ސަސްޕެންޑްކޮށްފައިވަނީ މިދިޔަ މަހު ނީސްއިން ކުޅުނު މެޗެއްގައި އޭނާ ބަދަލުކުރުމުން އެކަމައި ހިތްހަމަ ނުޖެހިގެން އޭނާގެ އަތުގައި އޮތް އަންގި އެއްލާލި މައްސަލައިގައެވެ.
ސީޒަނުގެ ލީގު ދެބައިވެފައިވާއިރު ނިއުކާސަލްއަށް ޖެހިފައިވަނީ އެންމެ 15 ގޯލެވެ. މިކަމަށް ހައްލެއް ހޯދުމަށް އެޓީމުގެ ކޯޗް ބެނީޓޭޒް، ބަލޯޓެލީ ގަތުމަށް ބޭނުންވާ ކަމުގައިވެއެވެ.
މި ސީޒަނުގެ ލީގް ނިމެންދެން ނީސްގައި މަޑުކުރުމަށް ކޮންޓްރެކްޓް ހަދާފައިވާ ބަލޯޓެލީގެ މުސްތަގްބަލައި މެދު ވިސްނާލުމަށް އޭނާއަށް ވަގުތު ދީފައިވާނެކަމުގައި ނީސްގެ ކޯޗް އަދި އާސެނަލްގެ ކުރީގެ ތަރި ޕްޓްރިކް ވިއޭރާވަނީ ބުނެފައެވެ.
ލިވަޕޫލްގައި ނާކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު ނީސްއައި ގުޅުމަށްފަހު ބަލޯޓެލީވަނީ ރަނގަޅު ފޯމަކަށް އެޅި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާވަނީ ނީސްއަށް ކުޅެދިން 51 މެޗުގައި 33 ގޯލް ކާމިޔާބު ކޮށްދީފައެވެ. ނަމަވެސް މި ސީޒަނުގައި ބަލޯޓެލީ ކުޅުނު 10 މެޗުގައި ލަނޑެއް ޖެހިފައެއްނުވެއެވެ.
ބަލޯޓެލީވަނީ 2010 އަކުން 2013 އަށް މެންޗެސްޓާ ސިޓީގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް