މަރިޔަމް ވަހީދާގެ މައްސަލަ ބަލާނަން: ރޮޒެއިނާ
މޯލްޑިވްސް ބްރޯޑް ކާސްޓިން ކޮމިޝަން (ބްރޯޑުކޮމް) ގެ ރައީސާ މަރިޔަމް ވަހީދާ، ސަރުކާރުގެ ރަސްމީ ޖަލްސާއެއް ހޯސްޓްކުރި މައްސަލަ ބަލާނެ ކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
އިއްޔެ ރޭ ބޭއްވި ޓޫރިޒަމް މިނިސްޓްރީގެ "ބުރަބި" ހަފުލާ ހުށަހަޅައިދެއްވީ ބްރޯޑްކޮމްގެ ރައީސާ، މަރިޔަމް ވަހީދާއެވެ. މައްސަލައިގައި އިދިކޮޅު ފަރާތްތަކުންނާއި ބައެއް މީޑިއާތަކުގައި ވެސް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ.
އެކަން ފާހަގަކުރައްވައި، މިނިވަން މުައައްސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރު ރޮޒެއިނާ އާދަމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަރިޔަމް ވަހީދާ ޖަލްސާ ހޯސްޓްކުރި މައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށެވެ.
މިނިވަން މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކޮންމެ މަސައްކަތެއް ފަސްޖެހިވަޑައިގަތުމެއް ނެތި ކުރައްވާނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
ބްރޯޑްކޮމްގެ ރައީސާގެ މަގާމަށް މަރިޔަމް ވަހީދާ އައްޔަނު ކުރެއްވިތާ މާގިނަދުވަހެއް ނުވެ، ފެނިގެން ދިޔައީ ސަރުކާރުގެ ބޮޑު އިވެންޓެއް ހޯސްޓްކޮށް، އަދި ސަރުކާރުގެ އިސްވެރިން ދެއްކެވި ވާހަކަތަކަށް ވަރަށް ބޮޑަށް އޭނާ ތައުރީފު ކުރައްވައި ވާހަކަދެއްކެވި މަންޒަރެވެ.
މީގެކުރިން ބްރޯޑްކޮމްގެ ނައިބު ރައީސާގެ މަގާމުގައި ހުރި ފާތިމަތު ޒައިނާގެ އިތުބާރުނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދުރު ފާސްކޮށް، އޭނާ މަގާމުން ދުރުކުރީ، ރައީސް ޔާމީންގެ ސަރުކާރުން ރަސްފަންނުގައި ބޭއްވި ޖަލްސާއެއް އިންތިޒާމުކޮށްދިން ކަމަށް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް