ހަތެއް ފެބްރުއަރީގެ މައްސަލަ ބަލާނީ އިންތިގާލީ ބިލުގެ މަސައްކަތް ނިމުނީމައި: ނަޝީދު
7 ފެބްރުއަރީ 2012 ގައި ވެރިކަން ބަދަލުވިގޮތް ބަލާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިންތިގާލީ ބިލުގެ މަސައްކަތް ނިމުނީމައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން މިރޭ ގެނެސްދިން ''އާސްކް ސްޕީކާ" ޕްރޮގްރާމުގައި އާންމުން ފަރާތަކުން އެމަނިކުފާނަށް ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ، އިންތިގާލީ ބިލު މިހާރު މަޖިލީހުން ފާސްވެފައިވާ ކަމަށާއި އެބިލު ގެ މަސައްކަތް ނިމުމުން ހަތެއް ފެބްރުއަރީގެ މައްސަލަ ބަލާނެ ކަމަށެވެ.
''އަސްލު އަދި ނުނިމޭ އިނގޭތޯ، ހިއުމަން ރައިޓްސް ކޮމެޓީގައިހެން ހީވަނީ އެބިލުވީ. އެބިލު ނިމުނީމައި އެއޮނިގަނޑުގެ ތެރެއިން އެމަސައްކަތް ހިންގޭނީ.'' ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި 7 ފެބްރުއަރީ 2012 ގައި އިދިކޮޅު ފަރާތްތަކުން ކުރި އިހުތިޖާޖުތަކާއި ގުޅިގެން އެމަނިކުފާނު އަމިއްލަފުޅަށް މަގާމުން އިސްތިއުފާދެއްވުމަށްފަހު، ވިދަޅުވެފައިވަނީ ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ކަމަށެވެ. މީގެކުރިން އެމަނިކުފާނު ވިދާޅުވެފައިވަނީ ބަޣާވާތުގެ އެންމެ އިސް ބޭފުޅަކީ ރައީސް މައުމޫން ކަމަށެވެ. އަދި އޭގެ ފަހުން ރައީސް ވަހީދު އިސްވެ ހުންނަވައިގެން ބަޣާވާތްކުރި ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ.
ބަޣާވާތުގެ ތުހުމަތު އެކިއެކި ބޭފުޅުންގެ މައްޗަށް ނަޝީދު ކުރައްވާފައި ވެއެވެ. އެގޮތުން ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން ބަޣާވާތް ކުރި ކަމަށް ވެސް މީގެކުރިން ނަޝީދު ވިދާޅުވިއެވެ.
ހަތެއް ފެބްރުއަރީގެ މައްސަލަތައް ކުރިމަތިވެފައިވަނީ ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރުކޮށް، 22 ދުވަސް ވަންދެން ގިރިފުށީގައި ބެހެއްޓި މައްސަލައިގައެވެ.
އޭރުގެ އިދިކޮޅު ފަރާތްތަކުން އަބްދުﷲ ގާޒީ މިނިވަން ކުރުމަށް ތަކުރާރުކޮށް ގޮވައިލައިފައިވާ އިރު ސުޕްރީމް ކޯޓުން ތިން ފަހަރަށް ހުކުމް ކުރުމުންވެސް ގާޒީ މިނިވަން ކޮށްފައެއް ނުވެއެވެ.
އެންމެ ފަހުން ގާޒ މިނިވަންކުރީ ނަޝީދު މަގާމުން އިސްތިއުފާދެއްވުމުން އޭރުގެ އިދިކޮޅު ފަރާތްތައް އިސްވެ ތިބެގެންނެވެ. އޭގެ ފަހުން ވެރިކަމާ ހަވާލުވެ ވަޑައިގަތީ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް