ބާ ކައުންސިލްގެ ރައީސްއަކަށް މައުމޫން ހަމީދު!
ގާނޫނީ ފަންނުގެ ބިލުން ވަކީލުންގެ ކަންތައްތައް ބެލެހެއްޓުމަށް އުފެއްދި ބާ ކައުންސިލްގެ ރައީސްގެ މަގާމަށް މަޝްހޫރު ގާނޫނީ ވަކީލު އަލްއުސްތާޛު މައުމޫން ހަމީދު އިންތިޚާބުވެ ވަޑައިގަންނަވައިފިއެވެ.
މައުމޫން ހަމީދު މިމަގާމަށް އިންތިޚާބުވެ ވަޑައިގަތީ މިއަދު މާލެއާއި އައްޑޫގައި އޮތް މި ކައުންސިލްގެ ވޯޓުން ކުރި ހޯއްދަވައިގެންނެވެ. މި މަގާމަށް މައުމޫނާއި ވާދަކުރެއްވީ ކުރީގެ ބަންޑާރަ ނައިބު ޑރ.ހުސްނުއްސުއޫދެވެ.
މައުމޫން ހަމީދު ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވާން ފެއްޓެވީ 2003ވަނަ އަހަރުގައެވެ.
މައުމޫން ހަމީދު މީގެ ކުރިން ވަނީ މަޝްހޫރު ގިނަ މައްސަލަތަކުގައި ވަކާލާތުކުރައްވާފައެވެ. އެގޮތުން ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ މައްސަލަތައް ފާހަގަކޮށްލެވެއެވެ.
މައުމޫން ހަމީދަކީ ކުރީގެ އެޓޯލްސް މިނިސްޓަރ އަބްދުﷲ ހަމީދުގެ ދަރިކަލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް