އިންޑިޔާއިން ދިވެހިރާއްޖޭގައި ކެންސަރުގެ ފަރުވާއަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމްކުރަނީ
އިންޑިޔާގެ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގައި ކެންސަރުގެ ބައްޔަށް ފަރުވާދިނުމަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމްކުރުމަށް ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ އިންޑިޔާއިން ދިވެހިރާއްޖޭގައި ބައެއް މަޝްރޫއުތައް ފެށުމަށާއި ހަދިޔާތަކެއް ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ.
ޓެލެކޮންފަރެންސް މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ އިންޑިޔާގެ ފަރާތުން ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމަކާއި ކެންސަރުގެ ބައްޔަށް ފަރުވާދޭނެ ހޮސްޕިޓަލެއް ގާއިމްކުރާނެކަމަށެވެ.
މީގެ ކުރިން ޕީއެސްއެމް ނިއުސަށް ދެއްވި އިންޓަރވިއުއެއްގައި އިންޑިޔާގެ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ ހުޅުމާލޭގައި ގާއިމްކުރާ މި ހޮސްޕިޓަލް ތަރައްޤީ ކުރަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުންކަމަށާއި މި ހޮސްޕިޓަލުގައި ސަތޭކަ އެނދު ހުންނާނެކަމަށެވެ.
ބޮޑުވަޒީރު މޯދީ އިތުރަށް ވިދާޅުވީ ފާއިތުވެދިޔަ އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ހަރުދަނާ ވެފައިވާ ކަމަށާއި، އަވަސް މުސްތަގުބަލެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ބައްދަލުކުރެއްވުމަށް އުންމީދުކުރައްވާ ކަމަށެވެ.
މިއަދު ވަނީ ދެގައުމުގެ މެދުގައި ޖުމްލަ ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއީ އައްޑޫ ސިޓީގެ 3 ސަރަޙައްދެއްގައި "ގޭދޮށު މަސް ޕްލާންޓް" ޤާޢިމުކުރުމުގެ އެއްބަސްވުމަކާއި ރުޕޭކާޑު ރާއްޖޭގައި ތަޢާރަފުކުރުމާ ބެހޭ އެއްބަސްވުމާއި، މާލޭގެ މަގުބައްތިތައް ލެޑް ބައްތިއަށް ބަދަލުކުރުމުގެ މަޝްރޫޢު އިފްތިތާޙްކުރުމުގެ އެއްބަސްވުމާއި، އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރާ ކަނޑު އުޅަނދު ރާއްޖެއާ ރަސްމީގޮތުން ޙަވާލުކުރުމުގެ އެއްބަސްވުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް