ނިޔާވި ބިދޭސީ މީހާގެ ގައިގައި ޖެހުނު ލޯންޗު ދުއްވި މީހާ ހައްޔަރުކޮށްފި
އދ.ދަނގެތި ކައިރިއަށް ފާނަ މަސްވެރިކަމުގައި ފައިބައި އުޅުނު ބިދޭސީއެއްގެ ގައިގައި ލޯންޗަކުން ޖެހި ނިޔާވި މައްސަލައިގައި، ލޯންޗު ދުއްވި މީހާ ހައްޔަރުކޮށްފިއެވެ.
މި ހާދިސާއާއި ގުޅޭގޮތުން ފުލުހުން ބުނީ، ލޯންޗު ދުއްވަން އިނީ ދިވެއްސެއްކަމަށާއި، އޭނާ މިހާރު ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.
ދަނގެތި ކައިރިއަށް ފާނަ މަސްވެރިކަމުގައި ފައިބައި އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 7:55 ހާއިރުއެވެ.
ލޯންޗުން ޖެހުނު މީހާ ދަނގެތި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒުން މައުލޫމާތުދޭކަމަށާއި، މި ހާދިސާގައި ނިޔާވެފައިވަނީ ބިދޭސީ ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް