ހައްމާދު ކުރީ ރޭޕް، ފުލުހުން އެ މައްސަލަ ބަލަނީ
ރ.މަޑުއްވަރީއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ އިސްމާއީލް ހައްމާދު، އެރަށުގެ ކުޑަ އަންހެންކުއްޖަކާއި ޝަރުއީ ކޯޓުތަކުން ބޭރުގައި ކައިވެނިކޮށް އެކުއްޖާ ބަނޑުބޮޑުވި މައްސަލަ ބަލަމުންގެންދަނީ ރޭޕްގެ މައްސަލައެއްގެ ގޮތުގައިކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ފުލުހުންގެ ފެމިލީ އެންޑް ޗިލްޑްރަން ޕްރޮޓެކްޝަން ޑިޕާރޓްމެންޓްގެ ފަރާތުން ވާހަކަދެއްކެވި ސުޕްރިޑެންޓެންޑް އޮފް ޕޮލިސް ހަސަން ހަނީފު ވިދާޅުވީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނީ ކުޑަކުއްޖަކާމެދު ގަދަކަމުން ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގެ ގޮތުގައިކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން މިހާތަނަށް ކުރެވުނު ތަހުގީގުން ގިނަ ކަންތައްތަކެއް ހާމަވެފައިވާކަމަށް ހަސަން ހަނީފް ވަނީ ވިދާޅުވެފައެވެ.
އެގޮތުން އައިޖީއެމްއެޗުން ފަރުވާދިނުމަށްފަހު އިއްޔެ ދޫކޮށްލާފައިވާ ހައްމާދުގެ ޑީއެންއޭއާއި 13 އަހަރު ކުއްޖާ ވިހެއި ތުއްތު ކުއްޖާގެ ޑީއެންއޭއާއި ދިމާވެފައިވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
ހަނީފް ވިދާޅުވި ގޮތުގައި މި މައްސަލަ އެންމެ ފުރަތަމަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ މިއަަހަރުގެ ފެބްރުއަރީ މަހުގައެވެ. ނަމަވެސް އެ ކުއްޖާ އޭނާގެ މަންމައާއި ހަވާލުކުރި ކަމަށާއި އެކަން ކުރީ އޭނާއަށް އަޅާލާނެ އެހެން ފަރާތެއް ނެތުމުންކަމަށެވެ. އެގޮތުން ކުއްޖާގެ ބައްޕަ ހުރީ ޖަލުގައިކަމަށް ހަނީފް ވިދާޅުވިއެވެ.
މި މައްސަލައާއި ގުޅިގެން ހައްމާދު ވަނީ ހައްޔަރުކުރެވިފައެވެ. މިއަދު ވަނީ އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރެވި 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް