''ނޭމާ ފެނިގެންދާނީ ރެއާލް މެޑްރިޑް ނޫނީ ބާސެލޯނާއިން"
ޓްރާންސްފާ މާކެޓް ބަންދުވާން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު އެންމެ ބޮޑު ސުވާލެއް އުފެދިފައިވަނީ މި ސީޒަނުގައި ނޭމާ ފެނިގެންދާނީ ކޮން ކްލަބަކުން ކަމާމެދުއެވެ.
ނޭމާ ހޯދުމަށް ޝައުގުވެރިކަން ފާޅު ކޮށްފައިވާ ހަމައެކަނި ދެ ކްލަބަކީ ބާސެލޯނާ އަދި ވާދަވެރި ރެއާލް މެޑްރިޑް ކަމަށްވާއިރު މި ރޭހުގެ އެންމެ ކުރީގައި އުޅެނީ ބާސެލޯނާކަމަށް ޔޫރަޕުގެ މީޑިއާތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ.
ބާސެލޯނާ އަދި ޕީއެސްޖީ ތަމްސީލުކުރާ ފަރާތްތަކުގެ ވާހަކަތައް ކުރިއަށް ދާއިރު ބާސެލޯނާއިން ނޭމާ ގަތުމަށް ހުށަހެޅި ފުރަތަމަ ހުށަހެޅުން ޕީއެސްޖީވަނީ ގަބޫލުކުރަން ދެކޮޅު ހަދާފައެވެ. ބާސެލޯނާއިން ޕީއެސްޖީއަށް ހުށަހެޅީ ފުރަތަމަ ސީޒަނުގައި ނޭމާ ލޯނު ކުޅުންތެރިޔެއްގެ ގޮތުގައި އެ ކްލަބަށް ގެންދިއުމަށްފަހު ޖެހިގެން އަންނަ ސީޒަނުގައި 150 މިލިއަން ޔޫރޯއަށް އޭނާ ގަތުމަށެވެ. ނަމަވެސް ޕީއެސްޖީއިން އެ ހުށަހެޅުން ގަބޫލުނުކުރީ 250 މިލިއަން ޔޫރޯ އަށްވުރެ ކުޑަ އަގެއްގައި ނޭމާ ދޫކޮށްލަން ބޭނުން ނުވާތީއެވެ.
ބާސެލޯނާއައި ހިލާފަށް ފާޅުކަން ބޮޑުގޮތެއްގައި ނޭމާ ހޯދުމުގެ މަސައްކަތްތަށް ރެއާލްއުން ކުރަމުން ނުގެންދަނީ ތިން ފަހަރެއްގެ މަތިން ނޭމާ ހޯދުމުގެ މަސައްކަތްކޮށް ނާކާމިޔާބުވުމާ ގުޅިގެންކަމަށް ލަފާކުރެވެއެވެ. ނޭމާގެ ސޮއި ހޯދުމުގައި ރެއާލް އަދި ޕީއެސްޖީގެ މެދުގައި ޒަމާނުންސުރެ އޮންނަ ރަނގަޅު ގުޅުމުގެ ފައިދާ ރެއާލްގެ ރައިސް ޕެރޭޒް ހިފަމުންދާ ކަމުގައި ފުޓްބޯޅައިގެ ދުނިޔޭގައި ނަންހިނގާ ގިނަ ފަރާތްތަކަކުން ގަބޫލުކުރެއެވެ.
ޕީއެސްޖީ ދޫކޮށްލަން ބޭނުންވެފައި ހުރި ބްރެޒިލްއަށް ނިސްބަތްވާ 27 އަހަރުގެ ނޭމާގެ ޝައުގުވެރިކަން ހުރީ ކޮން ކްލަބަކަށް ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް