ޓިކްޓޮކް: މަޝްހޫރު ކަމާއި އެއްވަރަށް ލިބެނީ މަލާމާތް
ދިވެހިންނަކީ ސޯޝަލް މީޑިއާގެ އެކި ވިއުގަތަކަށް ވަރަށް ފަރިތަ ބައެކެވެ.
ފޭސްބުކް، ޓްވިޓަރ، އިންސްޓެގްރާމް، ވަޓްސްއެޕް، ސްނެޕްޗެޓް މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. އަލަށް އީޖާދު ކުރާ ކޮންމެ އެޕްލިކޭޝަނަކަށްވެސް ދިވެހިން ހޭނޭކަށް މާގިނަ ދުވަހެއް ނުނަގައެވެ. އެގޮތުން 2018 ވަނަ އަހަރުގެ ތެރޭގައި ދިވެހިންގެ ތެރޭގައި ވައިގައި ހިފިގޮތަށް އަދިވެސް އެ މަގްބޫލްކަމުގައި "ފިޔަޖަހަމުން" އަންނަ އެއް އެޕަކީ ހަމަ ޔަގީނުންވެސް ޓިކްޓޮކްއެވެ.
ޓިކްޓޮކް އަކީ އެކި ލަވަތަކަށް ނުވަތަ ފިލްމުތަކުގެ ޑައިލޮގްތަކަށް އެކްޓުކޮށް، ތިމމާގެ ހުނަރު އާއްމުންނަށް ދައްކާލަން ބޭނުންވާ މީހުންނަށް ރަނުގެ ފުރުސަތުތަކެއް ފަހިކޮށްދޭނެ އެޕެކެވެ.
ދިވެހިންގެ ތެރޭގައި އެކި އުމުރުގެ މީހުން ޓިކްޓޮކްގައި އެކި ލަވަތަކަށް ފައިހަމަ ކުރަމުން އަންނައިރު، އެ އެޕް ބޭނުންކުރާ ގިނަ މީހުންނަށް ވަނީ މީހުންގެ ފުރައްސާރައާއި މަލާމާތް ރައްދުވެފައެވެ.
ބުރުގާ އަޅައިގެން އައުރަ ނިވާކޮށްގެން އުޅޭ އަންހެން ކުދިންވެސް ޓިކްޓޮކްގައި ފިރިހެން ކުދިންނާއި ގައިގޯޅި ވެގެން ނަށާ މަންޒަރު ފެނެއެވެ. ބުރުގާ އެޅިއަސް ނޭޅިއަސް އެފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. އެހެންކަމުން، އެފަދަ ވީޑިޔޯތަކަށް ކޮމެންޓް ކުރާ ގިނަ މީހުން ނުރުހުން ފާޅުކުރާކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން ޓިކްޓޮކް އަކީ އިސްލާމީ ރިވެތި އުސޫލުތަކާއި ދުރުކުރާ އެއްޗެއް ކަމަށާއި، އެ އެޕްގެ ވަބާއިން ސަލާމަތްވުމަށް ޓިކްޓޮކްގެ ފަންނާނުންނަށް ގޮވާލާ މީހުން މަދެއް ނޫނެވެ.
ޓިކްޓޮކްގައި އުޅޭ ބައެއް ފަންނާނުންނަށް ފިލްމީ ދާއިރާއިންވެސް ފުރުސަތު ލިބިފައި އެބަހުއްޓެވެ. އެހެންނަމަވެސް ކޮންމެ ކޮންމެ މީހަކަށް އެ ފުރުސަތެއް ނުލިބެއެވެ. ގިނަ ފަރާތްތަކަށް ކުރިމަތިލާން ޖެހެނީ ހަނގާކުރުމާއެވެ. މަޝްހޫރުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މީހާގެ އަބުރު ގެއްލި މަލާމާތާއި ފުރައްސާރައިގެ ޝިކާރައަކަށްވުން ނޫން އެހެން ކަމެއް ނުވެއެވެ.
ގިނައިން ރައްދުވަނީވެސް މީހުންގެ ބަދުބަހެވެ. ފަހަރުގައި ޓިކްޓޮކް ފަދަ އެޕްތަކަކީ ދިވެހިން އެދީނުގެ މަތީގައި ތިބި އިސްލާމީ ރިވެތި އުސޫލުތަކާއި ހިލާފު އެޕަކަށް ވުމަކީ، އެކަމަށް ގިނަ ދިވެހިން ތާއީދު ނުކުރާ ސަބަބުތަކުގެ ތެރެއިން އެއް ސަބަބަށް ވެދާނެއެވެ.
"އަހަރެންނަށް ވަރަށް ކަމުދޭ ޓިކްޓޮކް. ކޮންމެހެން މަޝްހޫރުވާކަށް ނޫން. ރައްޓެހިންނާއެކު މަޖަލަކަށް ބައެއް ލަވަތަކަށް ނަށާލަނީ ހަމަ" ޓިކްޓޮކްގެ އަރަމުން އަންނަ ތަރިއެއް ވޮއިސްއަށް މައުލޫމާތު ދެމުން ބުންޏެވެ.
"ބައެއް މީހުން ވަރަށް އެއްޗެހި ކިޔާ. ބުނޭ ކުރަންވާ ވަރު ކަމެއް ނޫނޭ. ހީވަނީ އަސްލު މޮޅަށް ނުނެށޭތީ ކަންނޭގެ މީހުން އެހާ އެއްޗެހި ކިޔަނީ" ކުރިން ޓިކްޓޮކްގައި މަޝްހޫރުކަން ހޯދަމުން އައި، އަދި މިހާރު އެ އެޕް ބޭނުން ކުރުން ހުއްޓާލާފައިވާ ޒުވާނަކު ބުންޏެވެ.
ދިވެހިންނަކީ ވަރަށް ފާޑު ކިޔާހިތްވާ ބައެކެވެ. މީހަކަށް ފާޑުކިޔަން ޖެހިއްޖެނަމަ، ގްރޫޕް ހަދައިގެން ވިޔަސް އެކަމުގައި ދިވެހިން ވަރަށް ކުޅަދާނަ ވާނެއެވެ. އެހެންކަމުން ޓިކްޓޮކްގެ އަހުލުވެރިންވެސް އެކަންކަމަށް ސަމާލުކަން ދިނުން މުހިންމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް